ޚަބަރު

ކުންފުންޏާއިބެހޭ މުޅިން އާޤާނޫނެއް: 26 އަހަރަށްފަހު މުޅިން އާބާބެއް


ކުންފުންޏާއިބެހޭ މުޅިން އާ ޤާނޫނެއް އެކުލަވާލުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ، ކުންފުނިތައް އުފެއްދުމުގައާއި، ހިންގުމުގައި ބޮޑެތި ލުއި ގޮތްތަކެއް ލިބިގެންދާ ގޮތަކަށް ހުށަހެޅިފައިވާ ބިލެއްކަމުގައި މަޖިލީހުގެ ގިނަ މެމްބަރުން ވިދާޅުވެއްޖެއެވެ. ކުންފުންޏާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދުއެވެ.

ރާއްޖޭގައި މިހާރު އަމަލުކޮށް ތަންފީޒު ކުރަމުންދާ ކުންފުންޏާއި ބެހޭ ގާނޫނަށް އަމަލު ކުރަންފެށީ 1996 ވަނަ އަހަރުއެވެ. މީގެ 26 އަހަރު ކުރިން އުފެއްދި އެ ގާނޫނަށް ބަދަލުތަކެއް ގެނެސް، ކުންފުންޏާއިބެހޭ މުޅިން އާ ޤާނޫނެއް އެކުލަވާލުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އިގުތިޞާދުގައި ވިޔަފާރިތައް ހަރަކާތްތެރިވުމަށް ފަހި ފުރުސަތުތަކެއް ހޯދުމާއި، ކުންފުނީގެ ގާނޫނީ ނިޒާމަށް ޒަމާނީ ބަދަލު ގެނެސް، އިންވެސްޓްމަންޓަށް ފަހި މާހައުލެއް ތަނަވަސް ކުރުމެވެ.

މިބިލުގައި 4 ބާވަތެއްގެ ކުންފުނި އުފެއްދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްރައިވެޓް ކުންފުންޏާއި، ޕަބްލިކް ކުންފުންޏާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، ލޯކަލް އޮތޯރިޓީ ކުންފުނިތަކެވެ. މީގެ ތެރެއިން ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޭނުމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި، ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ މަގު ތަނަސް ކުރުމަށް އަމިއްލައަށް ކުންފުނި އުފައްދައިގެން ވިޔަފާރި ކުރެވޭނެ މަގު ތަނަވަސް ކުރުމެވެ.

މިބިލުގެ ތެރެއިން ކުންފުނިތައް އުފައްދައި، އަދި ހިންގުމުގައިވެސް ބޮޑެތި ލުއިތަކެއް ލިބިދޭގޮތަށް ވަނީ ހުށަހަޅާފައެވެ. މިހާރު ޤާނޫނުގައި އޮންނަ ގޮތުން ޕްރައިވެޓް ކުންފުނިތައް އުފެއްދޭނީ ދެ ހިއްސާދާރުން ތިބެގެންކަމަށް ބުނެފައި ވީނަމަވެސް، މިހާރު ހުށަހެޅިފައިވާ ބިލުގައި އެންމެ ފަރުދަކަށްވެސް ކުންފުނި ހެދުމުގެ މަގުވަނީ ތަނަސް ކޮށްފައެވެ. މިއާއެކު ކުންފުނީގެ ޑިރެކްޓަރަކީ ހިއްސާދާރަކަށް ވާންޖެހޭ ގޮތަށް މިހާރުގެ ޤާނޫނުގައި އޮތްނަމަވެސް ހުށަހެޅިފައިވާ ބިލުގައި ކުންފުނީގެ ޑިރެކްޓަރަކަށް ކޮންމެހެން ކުންފުނީގެ ހިއްސާދާރު ވާން ނުޖެހެއެވެ.

މީގެ އިތުރުން ކުންފުނީގެ ހިންގާ ގަވާއިދާއި، އަސާސީ ގަވާއިދަކީ އިކޮނޮމިކު މިނިސްޓްރީން ލިޔެފައިވާ ގަވާއިދެއްގެ ދަށުން ހިންގަންޖެހޭ ގޮތަށް އޮތުމަށްވެސް ވަނީ ބަދަލުގެނައުމަށް ހުށަހަޅާފައެވެ. އެގޮތުން ކުންފުނިތަކުން ބޭނުންވާ އަސާސީ ގަވާއިދަކާއި ހިންގާ ގަވާއިދެއް އެކުލަވާލުމުގެ އިޚްތިޔާރު މިބިލުން ފަހިކޮށްދެއެވެ. މިހާރު ހުށަހެޅިފައިވާ ބިލު ޤާނޫނަކަށް ވެގެންދާ ހިސާބުން ކުންފުނިތަކުން ނަގާ އަހަރީ ފީތައްވެސް ނެގުން ހުއްޓުމަކަށް އަންނާނެއެވެ. އޭގެ ބަދަލުގައި ދެން ނަގާނީ ކުންފުންޏާއި ގުޅިގެން ހޯދާފީތަކަށް ނެގޭ ފީތަކެކެވެ.

މިބިލްގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދެއްކެވި މެމްބަރުން އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެއްކަމަކީ ސަރުކާރުގެ ކުންފުނިތަކުގެ ޑިރެކްޓަރުން ޖަވާބުދާރީ ކުރެވޭނެ ގޮތަކަށް ޤާނޫނަށް އިސްލާހު ގެންންޖެހޭކަމެވެ. ނިމިދިޔަ ތަނުގައި އެމްއެމްޕީއާރުސީ ފަދަ ބޮޑެތި މައްސަލަތަކުގައި އެއްވެސް ފިޔަވަޅެއް ނޭޅި ގޮސްފައިވާއިރު، މިކަން ތަކުރާރުވެވޭ ގޮތަށް ޖާގަ ދިނުމަކީ ކުރެވިގެންވާނެ ކަމެއްނޫންކަމަށް މެމްބަރުންގެ ވާހަތަކުގައި ފާހަގަކޮށްފައިވެއެވެ.

ޖުމްލަ 201 ސަފްހާގެ ހިމެނޭ، 16 ބާބެއްގެ މައްޗަށް އެކުލެވިފައިވާ ޤާނޫނުގައި ކުންފުނި ރަޖިސްޓަރީކުރުމާއި، ކުންފުނި ހިންގުމާއި،
ކުންފުނި އުވާލުމުގެ ހަމަތަކާއި، އެކަންކަމުގައި ޢަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތަކާއި، ކުންފުނި ހިންގުމުގައި ޑިރެކްޓަރުންގެ ބާރުތަކާއި އިލްތިޒާމުތަކާއި ޝަރުޠުތައް ތަފްސީލް ގޮތެއްގައި މިބިލުގައި ވަނީ ކަނޑައަޅާފައެވެ.