ތަރައްްޤީ

ގަލޮޅު ދަނޑު ތަޅާލާފައި އަައު ދަނޑެއް: ޑިޒައިންކޮށްފައިވަނީ ޤައުމީ ކުލަތަކުން


ކުޅިވަރުގެ ދާއިރާއިން މާލޭ ސަރަޙައްދުގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ ޚާއްސަ އަދި އެންމެ ބޮޑު އެއް މަޝްރޫޢަކީ ރަސްމީ ފުޓުބޯޅަ ދަނޑު ނުވަތަ ގަލޮޅު ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢެވެ.

ގިނަ ދުވަސްވުމުގެ ސަބަބުން ގަލޮޅު ދަނޑު ވަނީ ބޮޑެތި މަރާމާތުތަކަކަށް ބޭނުންވެފައެވެ. މިތަން ތަރައްޤީކުރުމުގައި ސަރުކާރުގެ ވިސްނުންހުރީ މިހާރު ހުރި ދުވަސްވީ ދަނޑު އެއްކޮށް ތަޅާލުމަށްފަހު އެތަނުގައި އެންމެފަހުގެ ޒަމާނީ ފުޓުބޯޅަ ސްޓޭޑިއަމެއް ތަރައްޤީކުރުމެވެ.

ގަލޮޅު ދަނޑު ތަރައްޤީކުރުން މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު، ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް މިވަނީ އައު ގަލޮޅު ދަނޑުގެ 3D ކުރެހުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.

އައު ކުރެހުންތަކުން ފެންނަގޮތުގައި އެތަން ފަރުމާކޮށްފައިވަނީ މިހާރު ބޭނުންކުރާ ދަނޑަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް، އަދި ފަހުގެ ޒަމާނީ މޮޑެލްއަކަށެވެ. އަދި ދަނޑުގެ ބޭރު ފަރުމާކޮށްފައިވަނީވެސް ދިވެހި ޤައުމީ ދިދައިގައި ހިމެނޭ ފެހި، ރަތް އަދި ހުދު ކުލައިންނެވެ. މި ކުރެހުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ރަސްމީ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިންނެވެ.

އެގޮތުން އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯން އެހީގެ ތެރެއިން، ސާޅީސް ފަސްމިލިއަން، ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ފައްސަތޭކަ ފަސް ރުފިޔާ ވަނީ ގަލޮޅު ދަނޑު ތަރައްޤީކުރުމަށް ހިމަނާފައެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓުގައި 10 މިލިއަން ރުފިޔާ ވަނީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ހިމަނާފައެވެ.

އެހެންކަމުން ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް ގާތްގަނޑަކަށް 55 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރާނެއެވެ. ފާއިތުވެގެންދިޔަ ދެ އަހަރުވެސް ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިޔާއިންވަނީ ބޮޑު ހޭދައެއް ކޮށްފައެވެ.

ގަލޮޅު ރަސްމީ ދަނޑުގެ އައު ކުރެހުންތަކުގެ އިތުރުން ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ ޤައުމީ ބާސްކެޓްބޯލް އެރީނާއާއި ޤައުމީ ވޮލީބޯލް ސެންޓަރުގެ 3D ކުރެހުންތަކެއްވެސް ޔޫތު މިނިސްޓަރ މަޚްލޫފް ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޮޑު މަރާމާތެއް އެންމެ ފަހުން ކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޭ.އެފް.ސީ ޗެލެންޖް ކަޕަށެވެ. އެފަހަރު ދަނޑުގެ ރޮސްޓްރަމް މަތީގައި މީޑިއާއާއި ވީއައިޕީއަށް ޚާއްސަކޮށް އިމާރާތެއް ހެދިއެވެ. އޭގެ ފަހުން މިދިޔަ އަހަރު ސަރަހައްދީ ފެންވަރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ބައެއް މަރާމާތުތައް ދަނޑުގައި ކޮށްފައިވެއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރަން ސަރުކާރުން ނިންމާފައިވާއިރު، ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިންގ މިނިސްޓްރީން މީގެ ކުރިން ވަނީ އަންގާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަކީ އެކި ދާއިރާތަކުން ޒުވާނުން ބާރުވެރިކުރުވާ، ކުރިއެރުވުމަށް ޚާއްސަ އިސްކަމެއްދެއްވާ ސަރުކާރެކެވެ. ވަކިން ޚާއްސަކޮށް ކުޅިވަރުގެ ދާއިރާ ތަރައްޤީކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކުޅިވަރުގެ ބޮޑެތި ޕްރޮޖެކްޓްތަކެއް މިއަހަރު ފެށުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޓޭބަލް ޓެނިސް، ބާސްކެޓް އަދި ބެޑްމިންޓަން ކޮމްޕްލެކްސްގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭ ވޮލީ ކޯޓެއްވެސް އެޅުމަށްވަނީ ނިންމާފައެވެ.