ޚަބަރު

މިއަހަރުގެ ފުރަތަމަ ރޯދަ މިނިސްޓަރ ޢިމްރާން ވީއްލީ ޤައިދީންނާއެކު ޖަލުގައި


ކުރިއާއި އަޅާބަލާއިރު ރާއްޖޭގެ ޖަލުތަކުގެ ހާލަތު އެތައް ގުނައެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަނގަޅުވެ ޤައިދީންނަކީވެސް ހައްގުތަކެއްވާ ބައެއްކަން ދަނެ އެކަން އަންނަނީ ފެންނަމުންނެވެ. މިކަން އެނގެނީ ޖަލުތަކުގައި ޤައިދީން ތިބޭ މާހައުލާއި، ޤައިދީންނަށް ދަސްކޮށްދޭ މަސައްކަތްތެރިކަމާއި، ޤައިދީންގެ އާއިލީ ގުޅުންތަކަށް ދޭ ފުރުޞަތުތަކުންނެވެ. ހަމަޤައިމުވެސް ތަފާތުތަކެއް އައިސްފައިވާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މިސަރުކާރުގެ ހޯމް މިނިސްޓަރުކަމަށް ވަޑައިގަތުމުގެ އެންމެބޮޑު މަޤްސަދަކީ ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރެއްވުން ކަމަށް މި ސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ. މިވާހަކަފުޅުންވެސް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމުގެ ޝަޢުޤުވެރިކަން އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް މިންވަރު ހާމަވެއެވެ. ޖަލުތަކުގައި ޤައިދީންނަށް އޮތް ތަފާތުކުރުންތައް ނައްތާލާ، ނެލްސަން މަންޑޭލާ ރޫލަށް ހިންގޭ ތަނަކަށް އެތަންތަން ބަދަލުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތު ތަންފީޒްކުރެއްވުމަށް މިނިސްޓަރ ޢިމްރާން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރެއިންވެސް ޤައިދީންނާއެކު ބާއްވަވާ ގުޅުން ވަރަށް ބޮޑަށް ފެނިގެން ދެއެވެ.

އެގޮތުން މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުވެސް މާފުށީ ޖަލުން ފެނުނީ ތަފާތު މަންޒަރެކެވެ. ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުން އަޅުގަނޑުމެން ގިނަ މީހުން އާއިލާއާއެކު ބާއްވަން ބޭނުންވިޔަސް މިނިސްޓަރ ޢިމްރާން ފެނިވަޑައިގަތީ އެމަނިކުފާނު ބަލަހައްޓާ އިތުރު އާއިލާއެއްގެ މެންބަރުންނާއެކު ރޯދަ ވީއްލާ މަންޒަރެވެ.

ޤައިދީންނާއެކު މާފުށީ ޖަލުގައި މިނިސްޓަރ ޢިމްރާން ރޯދަ ވީއްލުމުގައި ބައިވެރިވެވަޑައިގަތެވެ. މިއީ ފަހުގެ ތާރީޚެއްގައި ވަޒީރެއްގެ ފަރާތުން ފެނުނު މިފަދަ ފުރަތަމަ މަންޒަރެވެ. ހިތްތިރިިކަމުގެ ލާމަސީލު މަންޒަރެކެވެ. މާފުށީ ޖަލުގެ ޤައިދީންނާއެކު މިރަމަޟާންމަހުގެ ފުރަތަމަ ރޯދަ ވީއްލުމުގައި ހޯމް މިނިސްޓަރ ޢިމްރާންގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުވެސް ބައިވެރިވެވަޑައިގަތެވެ.

ޤައިދީންނާއެކު ރޯދަ ވިއްލުމުގައި ބައިވެރިވެވަޑައިގެން ޤައިދީންގެ ވާހަަތައް އަޑުއެއްސެވުމުގައި މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ހޭދަކުރެއްވުމުގެ އެންމެ މުހިންމު މަޤްޞަދަކީ ޤައިދީންގެ ހާލަތު އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ޚިޔާލު ހޯއްދެވުމެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅުކުރެއްވުމުގައި ހޯމް މިނިސްޓަރ ޢިމްރާން އިސްކަން ދެއްވާ އެހެން ސަބަބެއްވެސް އެބައޮތެވެ. އެއީ އެމަނިކުފާނު ޖަލުގައި ހުންނެވި ދުވަސްވަރު ސިޔާސީ ގޮތުން އެއްވެސް ޤައިދީއަކު ތަޖުރިބާކުރަން ނުޖެހޭ އެތައްކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމެވެ. އެގޮތުން އެންމެ ބޮޑެތި ކުށްވެރިންނާއެކު ދޫނިދޫ ޖަލުގައި 100 ވަރަކަށް ދުވަސް ހޭދަކުރައްވާފައިވެއެވެ.
އަދި 115 ވަރަކަށް ދުވަހު މާފުށީ ޖަލުގައިވެސް ބޮޑެތި ކުށްވެރިންނާއެކު ހުންނެވިކަމަށާ، މާފުށީ ޖަލުގައި އެންމެ ސެކިއުރިޓީ ވަރުގަދަ ތަނުގައި ހުންނެވިއިރު ވަރަށް ގިނަ މަންޒަރުތައް ފެނިވަޑައިގެން ވަރަށް ގިނަ އަޑުތައް އިވި ވަރަށް ގިނަ ތަޖުރިބާތައް ލިބިވަޑައިގަތްކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެކަމިނުފާނުގެ މި ތަޖުރިބާއަކީވެސް ޖަލުތަކުގެ ހާލަތު ރަނގަޅުކުރެއްވުމަށް އެމަނިކުފާނުގެ އޮތް ޝަޢުޤުވެރިކަން އިތުރަށް ބޮޑުވެގެންދާ ކަމެކެވެ.

ހޯމް މިނިސްޓަރ މީގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ، އެ ޙާލަތަށް ބޮޑު ބަދަލެއް ގެނައުމުގެ އަޒުމުގައި ހުންވިކަމަށެވެ. އެ އަމާޒަށް ކުރައްވާ މަސައްކަތުގެ ދަށުން ގިނަބަދަލުތަކެއް ޖަލުތަކަށް މިހާރުވެސް ގެނެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ޖަލުތަކުގެ ޙާލަތު ސިފަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެމަނިކުފާނާ ހަވާލުވެވަޑައިގަތްއިރު ހާލަތު ހުރީ މައިނަސް ސަތޭކައިގައި ކަމަށެވެ. އަދި މި ފަސް އަހަރު ނިމޭއިރު އެ ޢަދަދު ސުުމަކަށް ގެނެވުނުނަމަވެސް އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖަލުގެ ޙާލަތު ރަނގަޅުކުރުމުގައި އަދިވެސް ކުރަންހުރި ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށެވެ. މިއީ ވަރަށްބޮޑު ހޭދައެއްކޮށް ގިނަ ވަސީލަތްވެސް ބޭނުންވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ މައްޗަށް ޖަލު ހުކުމް އިއްވީ މެއި 1، 2015 ގައި، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވައި ވާހަކަ ދެއްކި ކަމަށް ތުހުމަތުކޮށެވެ. ޓެރަރިޒަމްގެ ކުށުގައި އެމަނިކުފާނުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު އެހުކުމް އަލުން ރިވިއުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުމާއެކު އިމްރާންވަނީ މިނިވަންވެފައެވެ.