ޚަބަރު

ތިން ފަހަރެއްގެ މަތިން ފަސްކޮށްދިނުމަށްފަހު، ހިޔާގެ ކުލި ނަގަން ފަށައިފި


ހިޔާ ފްލެޓްތަކުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބަލައިގަންނަން ފަށައިފިއެވެ. ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށާފައި މިވަނީ 3 ފަހަރެއްގެ މަތިން، ކުލި ނެގުން ސަރުކާރުން ފަސްކޮށްދިނުމަށް ފަހުގައެވެ.

ހިޔާ ހައުސިން ޕްރޮޖެކްޓަކީ 6720 ހައުސިން ޔުނިޓެވެ. ފްލެޓްތަކުގެ އެގްރިމެންޓްގައި ފްލެޓްތަކުގެ ވެރިންނާއެކު ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އޭރު ސަރުކާރުން ނިންމީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތަކަށް 3 މަހުގެ މުއްދަތެއް ދިނުމަށްފަހު ކުލި ނަގަން ފެށުމަށެވެ. މިމުއްދަތު 2021ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަމަވުމުން ސަރުކާރުން ދެން މުއްދަތު ފަސްކުރީ، މިދިޔަ އަހަރުގެ ނިޔަލަށެވެ.

ނަމަވެސް ގިނަ ފްލެޓްތަކެއްގެ މަސައްކަތް ނިމިފައި ނުވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ނިންމެވީ، 2022ވަނަ އަހަރުގެ މަރޗް މަހުގެ ނިޔަލަށް މިމުއްދަތު އިތުރުކޮށްދެއްވުމަށެވެ.

ހިޔާގެ ފްލެޓްތައް ހަވާލުކުރިތާ 8 މަސް ދުވަސް ފާއިތުވެފައިވާއިރު، އެޗްޑީސީން މިހާރު މިވަނީ ފްލެޓްތަކުން ކުލި ނަގަން ފަށާފައެވެ.
އެގޮތުން ފްލެޓްގެ އެއްބަސްވުމުގައި ބުނާގޮތަށް، ފްލެޓްގެ ކުއްޔާއި އަދި ފްލެޓްތަކުގެ މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ ފީ، އޭޕްރިލް 1ވަނަ ދުވަހުން ފެށިގެން ބަލައިގަންނަން ފަށާފައިވާ ކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.

ހިޔާ ހައުސިން ޔުނިޓްގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 7500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާއެކު، ފްލެޓްތަކުގެ ވެރިން މަހަކު 8500 ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ.

ހިޔާގެ ކުލި ދެގޮތަކަށް ދެއްކޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އެގޮތުން އެޗްޑީސީގެ "މައި ހުޅުމާލެ" އޮންލައިން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ. ނަމަވެސް މި އިންތިޒާމް މިވަގުތު ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް އެކަންޏެވެ. މީގެ އިތުރުން އެޗްޑީސީގެ ކަލެކްޝަން ކައުންޓަރުންވެސް ކުލި ދެއްކޭނެއެވެ. އެޗްޑީސީގެ މައި އޮފީހުގައި ފައިސާ ބަލައިގަތުމަށް ޚާއްސަ ކޮށްފައިވާ ކައުންޓަރުން، ނަގުދު ފައިސާއާއި ޗެކު އަދި ބޭންކް ކަރޑް މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.

ހިޔާ ހައުސިން ޔުނިޓްތަކަށް މިހާރުވެސް ބޮޑު އާބާދީއެއް ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ. އެގޮތުން ހިޔާގެ ދެހާހެއްހާ އެޕާޓްމަންޓަށް އާއިލާތަކުން ބަދަލުވެފައިވާއިރު، އެއީ 10000އެއްހާ މީހުންގެ އާބާދީއެވެ.

އެސަރަޙައްދަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް އެޗްޑީސީއާއި، ކަމާ ގުޅުންހުރި ފަރާތްތައް މެދުވެރިވެގެން އަންނަނީ ކުރަމުންނެވެ.