ޚަބަރު

ބާރަށު ނެރު ފުންކުރުމާއެކު އެމްޓީސީސީގެ ދީލަތި އެހީ އެރަށުގެ ރައްޔިތުންނަށް


ހއ.ބާރަށު ނެރާއި ބަނދަރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ރަސްމީކޮށް ފަށައިފިއެވެ.

ހއ.ބާރަށު ނެރާއި ބަނދަރު ފުންކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ. މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 12.17 މިލިއަން ރުފިޔާއަށެވެ.

ބާރަށު ނެރާއި ބަނދަރު ފުންކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވާދެއްވާ ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީން މަޝްރޫއުތައް ކުރިއަށްގެންދާނީ ރައްޔިތުން ބޭނުންވާގޮތަށްކަމަށެވެ. އަދި އެމްޓީސީސީން މަސައްކަތްތައް ކުރިއަށްގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިރުޝާދުގެ ދަށުންކަމަށާއި އެމްޓީސީސީން ދާނީ ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް ނިމުމެއް ގެނެސްދެމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ކުރިއަށްދާގޮތަށް ދާނަމަ 180 ވަރަކަށް ދުވަސްތެރޭގައި މަސައްކަތް ނިމޭނެ ކަމަށް މިބަލަނީ. ޓެކްނިކަލް ބޭފުޅުން ވިދާޅުވީ މިހާރު ކުރިއަށް މިދާގޮތުން ބާރަށު ބަނދަރަށް ކުރިއަށް އޮތް 15 ވަރަކަށް އަހަރު އިތުރު ބަދަލެއް ގެންނާކަށް ނުޖެހޭނެ ކަމަށް." އާޒިމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަޖަ ދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ ވިދާޅުވީ ބާރަށު ނެރު އަދި ބަނދަރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ޙާވަލުކުރުމަށް ވަރަށް ބޮޑަށް އެދެވުނުކަމަށެވެ. ސަބަބަކީ މިވަގުތު ރާއްޖޭގައި މިފަދަ މަސައްކަތް ކުރަމުންދާ ކުންފުނިތަކާއި ޚިލާފަށް އެމްޓީސީސީގެ ސީއެސްއާރްގެ ތެރެއިން މަޝްރޫޢުތައް ހިންގާ ރަށްރަށުގައި ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަށް އިސްކަމެއް ދެއްވާކަމަށެވެ.

ބާރަށު ކައުންސިލްގެ ރައީސް ސޮފްވަތު މުޙައްމަދު ވިދާޅުވީ ފަޅުތިލަވުމާއި ނެރު ތިލަވުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތި ވަމުންދާކަމަށެވެ. އެގޮތުން ރަށަށް އަންނަ ބޯޓު ފަހަރު ދިޔަވަރު ބޮޑުވަންދެން ބަނދަރު ބޭރުގައި އަދި އެހެން ރަށްރަށުގައި މަޑުކުރަން ޖެހޭކަން ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

މިމަޝްރޫޢުގެ ދަށުން ހއ.ބާރަށުގައި 28 ހާސް ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ނެރު ފުންކޮށް ނެރު ބައްތި ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުއާއެކު އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން ބާރަށުގެ ބޭރު މަގު ލެވެލް ކުރުމާއި ރަށުގެ އެކި ތަންތަނަށް ޖަމާކޮށްފައިވާ ގިނަ ޢަދަދެއްގެ ކުނި އެއްތަނަކަށް ޖަމާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ރައްޔިތުންގެ ބޮއްކުރާ އަޅާފައިވާ ބައެއް ސަރަޙައްދުތައް ބަނދަރު ތެރޭގައި ތިލަވެފައިވާތީ އެތަންތަން ފުންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.