ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގައި ރ.މަޑުއްވަރީގައި ޤާއިމުކުރި ފެނުގެ ނިޒާމުގެ ޚިދުމަތް، އެންވަޔަރަމަންޓް މިނިސްޓަރ އާމިނަރު ޝައުނާ ފައްޓަވައިދެއްވައިފިއެވެ.
ފެނުގެ ނިޒާމުގެ މަސައްކަތް ނިިންމައި، މަޑުއްވަރީ ފެނުގެ ނިޒާމު އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.
ރ.މަޑުއްވަރީއަކީ 2400މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ރަށުގައި ރައްކާތެރިފެނާއި، ބޯފެނުގެ ނިޒާމު ޤާއިމުކުރުމަށް ގްރީން ފަންޑުގައި ކުރިއަށްގެންދިޔަ މަޝްރޫޢުއަކީ ތިމާވެއްޓާ ރައްޓެހި ނިޒާމެކެވެ.
ފެނުގެ ނިޒާމުގެ މަޝްރޫޢުގެ ދަށުން 55ޓަނުގެ 2 ޑީސެލިނޭޝަން ޕްލާންޓް ވަނީ އެރަށުގައި ބަހައްޓާފައެވެ. ޕްލާންޓްގައި ދުވާލަކު 110 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން މި ނިޒާމަށް ވަނީ ލިބިފައިވެއެވެ.
ފެން ރައްކާކުރުމަށް 400 ޓަނުގެ ތާންގީއެއް ވަނީ ބަހައްޓާފައެވެ. އަދި 8.6 ކިލޯމީޓަރ ދިގުމިނުގެ ފެނުގެ ވިއުގައެއް މި މަޝްރޫޢުގެ ދަށުން ޤާއިމުކޮށްފައިވެއެވެ. އަދި ޚިދުމަތް ދިނުމަށް 367 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓާފައެވެ.
ފެން އުފެއްދުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރުމަށާއި، މަޑުއްވަރީގައި ހުރި ފެނުގެ ޤުދުރަތީ ވަސީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރުމަށް އަމާޒުކޮށް، ވާރޭފެން ރައްކާކުރުމަށް އިތުރު 600 ޓަނުގެ ތާނގީއެއްވެސް ބަހައްޓާފައިވެއެވެ.
ޚިދުމަތް އިފްތިތާޙުކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ފެނުގެ ނިޒާމް ހިންގުމަށް ހަމަޖެހިފައިވަނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެންކަމަށެވެ. އެގޮތުން ފެން އުފެއްދުމުގެ ޚަރަދު ކުޑަކޮށް ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ޚިދުމަތެއް ދިނުމުގެ ގޮތުން، 25 ކިލޯވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިކޮށްފައިިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ޚިދުމަތް ފަށާއިރު ވަރޭފެނުގެ ނިޒާމާއި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުގެ ސަބަބުން، ހިންގުމުގެ ޚަރަދުން ގާތްގަނޑަކަށް 30 އިންސަތަ ސަލާމަތްކުރެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ބުނެއެވެ.
މަޑުއްވަރީގެ ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.
މި މަޝްރޫޢު ނިންމާ ޚިދުމަތްދިނުމަށް 33 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީއެއް ގްރީން ކްލައިމެޓް ފަންޑުން ދީފައިވެއެވެ. ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިޔައީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑްއާއި ހަވާލުކޮށްގެންނެވެ.