ޚަބަރު

ކުމުންދޫ ނެރު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި


ހދ.ކުމުންދޫ ނެރު ފުންކުރުމުގެ މަސައްކަތް ރަސްމީކޮށް އެމްޓީސީސީއިން ކުމުންދޫގައި ފަށައިފިއެވެ.

މިމަސައްކަތަކީ ދައުލަތުގެ ބަޖެޓުން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅޭ ހދ.ކުމުންދޫ ބަނދަރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި އެރަށު މީހުންނަކަށް ނުހިފެއެވެ. ސަބަބަކީ ބަނދަރު ހެދި އިރު ހަދާފައިވާ ނެރަކީ މިސަރަޙައްދުގެ އޮއެބާރުވާ ދުވަސްވަރު ބޭނުންކުރުން އެންމެ ރައްކާތެރި ގޮތަކަށް ޑިޒައިންކޮށްފައިވާ ނެރަކަށް ނުވާތީއެވެ. އެހެންކަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ މިމަސައްކަތް ކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. ކުމުންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މަޝްރޫޢުގެ މަސައްކަތް ފައްޓަވާ ދެއްވާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މިފަހަރު އެމްޓީސީސީއިން ކުމުންދޫގެ މަސައްކަތްތައް ނިންމާލާފައި ދާއިރު ރައްޔިތުން ޝަކުވާކުރާނެ ޖާގައެއް ނުދެއްވާނެކަމަށެވެ. އަދި ދައުލަތުން ގިނަ ޢަދަދެއްގެ ފައިސާ މިކަމަށް ހޭދަކުރާއިރު އެއީ ބޭކާރުވެގެންދާ ފައިސާއަށް ވުމުގެ ޖާގަވެސް ނުދެއްވާނެކަމަށެވެ. އަދި މަސައްކަތް މިހާރުދާ ސްޕީޑުގައި ކުރިއަށްދާނަމަ މިއަހަރުގެ މެދުތެރޭ މަސައްކަތް އެއްކޮށް ނިމޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

"ހަގީގަތުގައި ވަރަށް ބޮޑު ގެއްލުމެއް މިވެގެންދަނީ ކޮށްފައިވާ މަސައްކަތެއް އަލުން ކުރަންޖެހުމުން. އާދާއިގެ ބަނދަރެއް ތަރައްޤީކުރެވޭނެހާ ފައިސާ މިކަމަށް އެބަ ޚަރަދުވޭ. އެހެންނަމަވެސް އެމްޓީސީސީއިން މަސައްކަތްކުރާނީ ރައްޔިތުން އެދޭ ގޮތަށް މިމސައްކަތް ނިމޭނެގޮތަކަށް." އާޒިމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުމުންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު މުޙައްމަދު ރާއީ ވިދާޅުވީ މީގެ ކުރިން މިރަށުގައި އޮތް ބަނދަރަކީ ނަމެއްގައި އޮތް ބަނދަރެއްކަމަށެވެ. އޭގެ ބޭނުން ރައްޔިތުންނަށް ނުހިފޭއިރު ލިބޭ ގެއްލުން ބޮޑުކަމަށެވެ.

"މިރަށުގެ ރައްޔިތުންނާއި ކައިރި ރަށްރަށުން އަންނަ ރައްޔިތުންނަށް އެކިވަރުގެ ގެއްލުންވެފަ އެބަހުރި. މުދަލައް ގެއްލުންވެފަ އެބަހުރި މިބަނދަރު އޮތްގޮތުން." މެމްބަރު ވިދާޅުވިއެވެ.

ކުމުންދޫ ކައުންސިލް ރައީސް އަމީން މުޙައްމަދު ވިދާޅުވީ ސަރުކާރުން ކުމުންދޫ ނެރު ބަދަލުކުރުމުގެ މަސައްކަތް ފެއްޓެވުމަކީ ރަށުގެ ރައްޔިތުން ނުހަނުބޮޑަށް އެދިއެދި ތިބިކަމެއްކަމަށެވެ. ބަނދަރުގެ ބޭނުންކުރެވޭ ގޮތްވުމަކީ ރަށަށް އިތުރު ކުރިއެރުން އައުމާއި ގުޅިފައިވާކަމެއްގެ ގޮތުގައި ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މިމަޝްރޫޢުގެ ދަށުން 9300 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ އައު ހާބަރ ބޭސިންގ ފުންކޮށް، ނެރަށް ވަންނަ ދިމާލުން 4900 ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމާއި، 142 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށިލުމާއި 198 މިޓަރުގެ ސަރަޙައްދެއް ޙިމާޔަތްކޮށް ރިވެޓްމަންޓު ޖެހުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢަށް 35.38 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރެއެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމިގެންދާއިރު ކުމުންދޫގައި އަންހެނުން ފަތާލަންދާނެ ސަރަޙައްދެއް ތަރައްޤީކޮށްދެއްވުމަށް އެދިފައިވާތީ އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން އެމަސައްކަތް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. އެހެންކަމުން އެކަމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީއާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް އެމްޓީސީސީއިންވަނީ ނިންމާފައެވެ.