ތަޢުލީމު

ކަލަރސް އެވޯޑުގެ ފަޚުރުވެރި 1 ވަނަ ޓީޓީ ކުޅުންތެރިޔާ ރަފާއަށް


ކުޅިވަރުގެ ރޮނގުން ދަރިވަރުން ހޯދާ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ދެމުން އަންނަ ކަލަރސް އެވޯޑްސްގެ އެންމެ ޝަރަފުވެރި 1 ވަނަ ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް ޙާޞިލުކޮށްފިއެވެ.

ކަލަރސް އެވޯޑް 2020-2019 ގައި ކުޅިވަރުގެ އެކި ދާއިރާތަކުން 232 އެވޯޑެއް ޖުމްލަ 225 ދަރިވަރަކަށް އެވޯޑް ލިބިފައިވެއެވެ.

ކަލަރސް އެވޯޑަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ޝާމިލްވާ އެވޯޑެކެވެ. މިއީ ކުޅިވަރުގެ ރޮނގުން ދަރިވަރުން ހޯދާ ކާމިޔާބީ ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. އެގޮތުން މިއީ މި އެވޯޑް ދިން 9 ވަނަ އަހަރެވެ.

މިއަހަރުގެ ކަލަރސް އެވޯޑްސްގެ އެންމެ މޮޅު 3 ދަރިވަރުންނަށް ޓްރޮފީއާއި ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އެގޮތުން މިފަހަރުގެ އެވޯޑް ރަސްމިއްޔާތުގައި ފަޚުރުވެރި އެއްވަނަ ހޯދާފައިވަނީ ޓީޓީ ކުޅުންތެރިޔާ ސީއެޗްއެސްއީގެ އައިޝަތު ރަފާ ނާޒިމެވެ. ރަފާއަކީ ރާއްޖޭގައި އެންމެ ހަގު އުމުރުގައި ޓީޓީގެ ޤައުމީ ރޭންކިންގގެ އެއްވަނަ ހޯދި ކުޅުންތެރިއެކެވެ. އޭނާވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި މުބާރާތްތަކުގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ކަލަރސް އެވޯޑްސްގެ ދެވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ވީއައިއެޗްއެސްގެ ނިބާލް އަޙުމަދު ހޯދިއިރު، ތިން ވަނަ ލިބިފައިވަނީ އެތްލެޓިކްސް ދާއިރާއިން އައްޑޫ ހައި ސްކޫލުގެ ހިމްނާ ޙަސަނަށެވެ.

ކަލަރސް އެވޯޑްސްގައި 232 އެވޯޑު 225 ދަރިވަރަކަށް ލިބިފައިވެއެވެ. މީގެ ތެރޭގައި 48 ސްޕެޝަލް އެވޯޑާއި، ރަނަރސްއަޕް 81 އެވޯޑާއި، 99 ވިނަރސް އެވޯޑް ހިމެނެއެވެ. މިފަހަރުގެ އެވޯޑް ރަސްމިއްޔާތުގައި މިނިސްޓަރގެ ޚާއްސަ އެވޯޑު ލިބިފައިވަނީ ބާސްކެޓްބޯޅައިން ޣިޔާސުއްދީން ސްކޫލްގެ ދަރިވަރު އަމްރާ މުހައްމަދު އާމިރަށެވެ.

މި އެވޯޑަކީ ކުޅިވަރުގެ ރޮނގުން ދަރިވަރުންނަށް ލިބިފައިވާ ހުނަރު ތަރައްޤީކުރުމަށާއި، ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަކީ ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި ބޮޑުވުމުގެ މަގު ތަނަވަސްކޮށްދިނުމުގެ މަޤުޞަދުގައި ދެމުން އަންނަ އެވޯޑެކެވެ. އަދި ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ތަޢުލީމީ ދާއިރާގެ މަދަދާއި އެހީތެރިކަން އެންމެ ފުޅާދާއިރާއެއްގައި ދިނުމުގެ އިތުރުން ރާއްޖޭގެ ޤައުމީ ކުޅިވަރު ޓީމުތަކަށް ބޭނުންވާ ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ހިތްވަރު ދިނުމަކީވެސް މި އެވޯޑް ދަރިވަރުންނަށް ދިނުމުގެ މުހިއްމު މަޤްޞަދެކެވެ.

ކަލަރސް އެވޯޑްސް ތަޢާރަފް ކުރެވުނުއިރު، އެވޯޑު ދެވިފައިވަނީ ޖުމުލަ 10 ކުޅިވަރަކުންނެވެ. ނަމަވެސް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ދަރިވަރުންނަށް ބާއްވާ ކުޅިވަރުތައް އިތުރުވެ، ޖުމުލަ 14 ކުޅިވަރަކުން މިހާރު އެވޯޑު ދެމުންދާކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ. އަދި މި އެވޯޑު ދިން ފުރަތަމަ އަހަރު މައިގަނޑު ގޮތެއްގައި އެވޯޑަށް ވާދަކޮށްފައިވަނީ މާލޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަމަވެސް، މިހާރު ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުން އެވޯޑަށް ވާދަކޮށް އެވޯޑު ހޯދަމުންދާކަން މިނިސްޓްރީން ފާހަގަކުރެއެވެ.