ޚަބަރު

10 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދަނީ


އިތުރު 10 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ޢިއުލާންކޮށްފިއެވެ.

ޖޭއެސްސީން އިޢުލާނުކޮށްފައި ވަނީ 2 ރަށެއްގެ ކޯޓުތަކަށް އިސް މެޖިސްޓްރޭޓުން ހޯދުމަށާއި، 8 ރަށެއްގެ ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށެވެ. މީގެތެރެއިން އިސް މެޖިސްޓްރޭޓުން ހޯދަން ޢިއުލާންކޮށްފައިވަނީ، ދ.ކުދަހުވަދޫ އަދި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އަދި މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފައިވަނީ، ގދ. ފަރެސްމާތޮޑާ، ފ. ފީއަލީ، ބ. ދަރަވަންދޫ، ތ. ގުރައިދޫ، ށ. ކޮމަންޑޫ، ށ. ފުނަދޫ، ހދ. ނޮޅިވަރަމް އަދި ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ފ.ފީއަލީ، ގދ.ފަރެސްމާތޮޑާ ކޯޓުގެ މެޖިސްޓޭޓުން ހޯދަން މިއީ އިއުލާންކުރި 3 ވަނަ ފަހަރެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ސުން ގަޑިއެއްކަމަށް ޖޭއެސްސީން ހުޅުވާލާފައިވަނީ އޭޕްރީލްމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މެޖިސްޓްރޭޓުންގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުވުމާއި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ އޮންނަން ޖެހެއެވެ. މީގެއިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވާންޖެހެއެވެ. ޝަރުޢީ ކޯޓެއްގެ ލީގަލް މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވާ މީހަކަށްވެސް މިމަޤާމަށް ކުރިމަތިލެވޭނެކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

މެޖިސްޓްރޭޓުންނަށް މުސާރައާއި އެލަވަންސްތައް ހިމެނޭހެން 23450 ރުފިޔާއާއި ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ. އަދި އިސް މެޖިސްޓްރޭޓުންނަށް އެލަވަންސްތަކާއެކު މުސާރައިގެ ގޮތުގައި 25600 ރުފިޔާއާއި ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.