ރިޕޯޓް

އިހަވަންދޫ މަގުތައް ހަލާކުވުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކްލީފްތަކެއް


އާބާދީގައި 3700 އެއްހާ މީހުން ދިރިއުޅޭ ހއ އިހަވަންދޫއަކީ އެ އަތޮޅު ވެރިކަން ކުރާ ރަށް ދިއްދޫނަގާފަ އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ރަށެވެ. ވިޔަފާރި ކުރުމަށާއި ތަފާތު އެކި ބޭނުން ތަކުގަ އިހަވަންދޫއަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އަރާ ފައިބަމުން ދެއެވެ. އިހަވަންދޫ ރައްޔިތުންގެ އިތުރުން އެކި ބޭނުންތަކަށް އެހެން ރަށްރަށުން އިހަވަންދޫއަށް ދާ ފަރާތްތަކުގެވެސް އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ އިހަވަންދޫގެ މަގުތަކުގެ މައްސަލައެވެ.

މަގުތަކުގައި ވަޅުގަނޑު ހެދި ފެންބޮޑުވާ މައްސަލައަކީ މިހާރަކަށް އައިސް އިހަވަންދޫ ރައްޔިތުންނަށް ކުރިމަތި ވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. ވިއްސާރަ މޫސުމެއް ނަމަ އިހަވަންދޫގެ މަގުތަކުގައި ފެންބޮޑުވެ މަގުތައް އޮންނަނީ ޗަކަވެފައެވެ. މިކަމުގެ ސަބަބުން މަގު ބޭނުން ކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތި ތަކަކާ ކުރިމަތި ލާންޖެހިފައިވާ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް ޞަބާހު ވަނީ ވިދާޅުވެފައެވެ.

މިމައްސަލައަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ފެންބޮޑުވާ މަގުތަކަށާއި ވަޅުގަނޑު ހެދިފަ ހުންނަ މަގުތަކަށް ވެލިއަޅާ އިހަވަންދޫގެ ކައުންސިލުން އެއްވަރު ކުރާ ކަމަށާއި ނަމަވެސް މިކަން ވަނީ ވަގުތީ ހައްލަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޞަބާހް ވިދާޅުވީ މިގޮތަށް ވެލިއަޅާ މަގުތަކުގައި ފެންބޮޑު ނުވެ އޮންނަނީ ކުޑަ ދުވަސްކޮޅަކަށް ކަމަށާއި މިކަމަށް ދާއިމީ ހައްލެއް ހޯދާދިނުމަށް އެރަށުގެ ކައުންސިލުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

" މަގުތައް އޮތީ ވަރަށް ބޮޑަށް އަޑިގުޑަންވެފައި. ދުއްވާ އުޅަނދުތަކަށް ގެއްލުންވެ އަދި މީހުންނަށްވެސް އެކި ކަހަލަ އަނިޔާތައްވޭ ޚާއްސަކޮށް ވިއްސާރަ މޫސުމެއްނަމަ މަގުތަކުގައި ފެންބޮޑުވެ މީހުންގެ ގޯތި ގެދޮރަށް ފެންވަދެ ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައި." އިހަވަންދޫ ކައުންސިލްގެ ރައީސް ޞަބާހު ވިދާޅުވިއެވެ.

ވިއްސާރަ މޫސުމެއް އަތުވެއްޖެ ނަމަ އިހަވަންދޫ ރައްޔިތުން ތިބެންޖެހެނީ ބިރުވެރިކަމެއް ތެރޭގައި ކަމަށާއި، އެއީ މަގުތަކުގައި ފެންބޮޑުވެ މީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުންވާތީ ކަމަށް ޞަބާހް ވިދާޅުވިއެވެ. އަދި ހިނގާބިގާވެ އުޅުމަށާއި ދުއްވާ އެއްޗެތި ދުއްވުމަށާއި އަދި ސްކޫލް ދަރިވަރުންނަށްވެސް މިކަމުގެ ސަބަބުން ބޮޑު ތަކްލީފެއް އުފުލަން ޖެހެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ހަލާކުވެފައިވާ އިހަވަންދޫގެ މަގުތަކުގެ މައްސަައަށް ހައްލެއް ހޯދާދިނުމަށް ކައުންސިލުން ކުރަމުން އައި މިންނެއް މަސައްކަތުން އެކަމަށް އަލިމަގެއް ވަނީ ފެނިފައެވެ. އެގޮތުން އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް 10.5 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓްގައިވަނީ ހިމަނާފައެވެ. އަލަށްފަށާ މަޝްރޫއެއްގެ ގޮތުގައި ހިމަނާފައިވާ، މިމަޝްރޫޢު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުންނެވެ.

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވަޢުދުފުޅެކެވެ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޖުމްލަ 67 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެއެވެ. އަދި 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައިވާ ގޮތުން އިހަވަންދޫގައި މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި 2022 ވަނަ އަހަރު އަލަށް ފަށާ މަޝްރޫއުތަކާއެކު، މަޝްރޫޢުތަކުގެ ޖުމްލަ އަގު 577 މިލިއަން ރުފިޔާއަށް އަރައެވެ.