ޚަބަރު

ހުޅުދޫ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގެ ހާލަތު ރައީސް ބައްލަވާލައްވައިފި


އައްޑޫސިޓީ ހުޅުމީދޫގައި ޤާއިމްކޮށްފައިވާ ދެކުނުގެ ސަރަހައްދީ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ. ވިލުނުގެ ނަމުގައި ތަރައްޤީކޮށްފައިވާ މިމަރުކަޒު ރައީސް ބައްލަވާލައްވާފައިވަނީ އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހުޅުމީދޫއަށް ވަޑައިގަތުމުން ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވެ ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވެފައިވެއެވެ.

އެއަށްފަހު ރައީސް ވަނީ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވާ އެތަން ބައްލަވާލައްވާފައެވެ. ހުޅުމީދޫގައި ޤާއިމުކޮށްފައިވާ މިސެންޓަރަކީ އެއްފަހަރާ 60 މީހުންނަށް ފަރުވާދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސެންޓަރެކެވެ. މިއީ މާލެ އަތޮޅުން ބޭރުގައި މިފަދަ ފަރުވާ ދޭ އެންމެ ބޮޑު މަރުކަޒުކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން ބުނެއެވެ. މިސެންޓަރުގައި އަންނަ ހަފްތާގައި 20 މީހަކަށް ފަރުވާ ދޭން ފަށާނެއެވެ. މިމަރުކަޒުގައި ފަރުވާދޭ ޕްރޮގްރާމަކީ ޑަބްލިއު އެޗްއޯގެ އެހީގައި ތައްޔާރުކޮށްްފައިވާ ޕްރޮގްރާމެކެވެ.

މި ސެންޓަރުގެ ޕްރޮގްރާމްތައް ބިނާކޮށްފައިވަނީ ފަރުވާ ހޯދާ މީހާގެ ބޭނުންތަކަށާއި، ފަރުވާގެ ޕްރޮގްރެސްގެ މައްޗަށެވެ. މި ސެންޓަރުގައި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ މުވައްޒަފުން މިހާރު ވަނީ ތަމްރީންކޮށްފައެވެ.