ދ.ކުޑަހުވަދޫގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ދ.ކުޑަހުވަދޫގެ އިތުރު މަގުތައް ޒާމަނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް، ޕްލޭނިން މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މި މަޝްރޫޢުގައި ހިމަނާފައިވަނީ ކުޑަހުވަދޫގެ 5.85 ކިލޯ މީޓަރުގެ މަގު ތާރު އަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ބުނެފައިވަނީ ދ.ކުޑަހުވަދޫގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނުގެ ދެ ޝިޕްމަންޓް މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ. ފުރަތަމަ ޝިޕްމަންޓް ގެންދިޔައީ މަރޗްމަހުގެ 16ވަނަ ދުވަހުއެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ހިލަޔާއި ހިލަވެލި އަދި ސިމެންތި މިހާރުވަނީ އެރަށަށް ގެންގޮސްފައެވެ. އަދި މަގު ހެދުމުގެ މަސައްކަތަށް ބޭނުންވާ ހެވީ ވެހިކަލްތައްވެސް މިހާރު ކުޑަހުވަދޫއަށް ގެންގޮސްފައިވާކަމަށް އާރްޑީސީން ބުނެއެވެ.
އާރްޑީސީން މިހާރުވަނީ މަސައްކަތަށް ބޭނުންވާ ސައިޓް ތައްޔާރުކޮށް، އެތަނުގައި މަގުހެދުމަށް ބޭނުންވާ ކާސްޓިންގް މަސައްކަތްތައް ފެށުމައް ތައްޔާރުވެފައެވެ.
މަގުހެދުމުގެ މަސައްކަތުގައި އެންމެ ފުރަތަމަ ކުރިއަށްގެންދާނީ މަގުތަކުގެ ކޭބަލް ޖަންގްޝަންތަކާއި ޕޭމަންޓާއި ފެންހިންދާ ނިޒާމަށް ބޭނުންވާ ކާސްޓިންގް މަސައްކަތްތަކެވެ.
ދ.ކުޑަހުވަދޫ މަގު ހެދުމަށް ބޭނުންވާ ވެހިކަލްތަކާ އެކު، މަސައްކަތަށް ބޭނުންވާ އިތުރު ހިލަ،ހިލަވެލި އަދި ސިމެންތީގެ ދެވަނަ ޝިޕްމަންޓް މިހާރު ވަނީ އެ ރަށަށް ގެންގޮސްފައި.#ޓީމްއާރުޑީސީ pic.twitter.com/hOyOHetD5S
— Road Development Corporation Ltd (@rdcmaldives) March 26, 2022
ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ އިތުރުން، މަގުތަކުގައި އެކަށީގެންވާ ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގު ބައްތި ޖެހުމާއި މަގުތަކުގައި ނިޝާންތައް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މިމަޝްރޫއަކީ 122 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މަސައްކަތް ނިންމުމަށް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 1 އަހަރާއި 3މަސް ދުވަހެވެ.
ކުޑަހުވަދޫ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށްގެންދިޔައީ 2015ވަނަ އަހަރުއެވެ. އެ ބުރުގައި ކުޑަހުވަދޫގެ 13 މަގެއްވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.