ޚަބަރު

ޤާނޫނާ ޚިލާފަށް ހުކުރު ދުވަހު ބާއްވާ އެއްވުން ރޫޅާލާނަން: ފުލުހުން


ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް ސަލާމަތީ ކަންކަމަށް ބުރުއަރާގޮތަށް އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމުގައި ބައިވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ. އަދި ޤާނޫނާ ޚިލާފަށް އެއްވުން ބާއްވައިފިނަމަ އެއްވުން ރޫޅާލާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން "އިންޑިއާ އައުޓް"ގެ ނަމުގައި އެއްވުން ބޭއްވުމަށް އިންތިޒާމުކުރަމުން އަންނަނީ ހުކުރު ދުވަހުގެ ހަވީރު 4 އިން 6 ޖެހުމާހަމައަށެވެ.

ފުލުހުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވުއުޅުމުގެ ހުއްދަ ލިބިދީފައިވާކަމަށެވެ. އެހެންނަމަވެސް މާދަމާ އިދިކޮޅުން ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމުގައި މިޤާނޫނާ ޚިލާފު ގިނަ ކަންތައްތަކެއް ރާވަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އެގޮތުން އެއްވުމުގައި ބައިވެރިވުމަށް ރަށްރަށުން މީހުން ގެންނަ ގޮތަށް ހަމަޖެހިފައިވާކަމަށާއި ގިނަ ޢަދަދެއްގެ ދުއްވާ އެއްޗެތި ބޭނުންކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކްކޮށް ރައްޔިތުންނަށާއި ޢާއްމު ދަތުރުފަތުރަށް ހުރަސްއެޅޭގޮތަށް ކަންކަން އިންތިޒާމުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އެގޮތުން މާލޭގެ މަގުތަކާއި، އިދިކޮޅު ޕީޕީއެމްގެ މައި އޮފީސް ސަރަޙައްދާއި، ކާނިވާ ސަރަޙައްދާއި، ރަސްފަންނު ސަރަޙައްދާއި، ބޮޑުތަކުރުފާނު މަގާއި، މާލޭ ދެކުނުފަރާތު އުސްފަސްގަނޑު ސަރަހައްދު ހިމެނޭ ސަރަޙައްދުގައި އެއްވުން އިންތިޒާމުކޮށް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިވާނެހެން އެއްވަގުތެއްގައި މާލޭގެ އެކި ސަރަޙައްދުތަކުގައި ބައިބަޔަށް މީހުން ނުކުތުމަށް ރާވާފައިވާކަންވެސް ފުލުހުންގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ. ހަމައެއާއެކު މާލޭގައި ޙަރަކާތްތެރިވާ ގޭންގްތައް މިއެއްވުމުގައި ބައިވެރިކުރުމަށް އިދިކޮޅުން ނިންމާފައިވާކަމަށާއި މިއީ ފުލުހުން ޖާގަދޭނެކަމެއް ނޫންކަމަށް ފުލުހުން ވިދާޅުވެއެވެ.

އެހެންކަމުން މިއެއްވުން މިގޮތަށް ނުބޭއްވުމަށް ޕީޕީއެމްއަށް އަންގާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މިއާއެކު މިއެއްވުމުގައި ބައިވެރިނުވުމަށްވެސް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިއެއްވުމުގައި ބައިވެރިވާ އެއްގަމާއި ކަނޑު އުޅަނދުތައް ބަލާފާސްކުރާނެ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު ޤާނޫނީ އިމުގެތެރެއިން ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

އިދިކޮޅުން "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށްގެންދާ ޙަރަކާތަކީ ވަކިބަޔަކު ސިޔާސީ އަދި މާލީ މަންފާތަކެއް ޙާސިލްކުރުމަށް ކުރިއަށްގެންދާ ޙަރަކާތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވެއެވެ. އަދި މީގެ ސަބަބުން ޤައުމުގެ ދާޚިލީ ހަމަޖެހުން ގެއްލި ގިނަ ގެއްލުންތަކެއް ރާއްޖެއަށް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމުގެ ކަންބޮޑުވުން ރާއްޖޭގެ ސަލާމަތީ ބާރުތަކުންވަނީ ފާޅުކުރައްވާފައެވެ.