ޚަބަރު

ހިންގުމުގެ ދާއިރާގެ އިސްފަރާތްތަކަށް އަމާޒުކުރި ފުރަތަމަ ބައްދަލުވުން


ހިންގުމުގެ ދާއިރާގައި ޙަރަކާތްތެރިވާ 300 އަށްވުރެ ގިނަ އިސްވެރިންނާއެކު "ވިޝަނިންގ ފޮރ ލީޑަރޝިޕް ޑައިލޮގްސް" ބާއްވައިފިއެވެ. މިއީ ރާއްޖޭގައި މިފަދައިން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުން ރަސްމީކޮށް ފައްޓަވާދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.

ހިންގުމުގެ ދާއިރާގެ އިސްމަޤާމުތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ މި ތަމްރީން ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސިވިލް ސަރވިސް ޓްރައިނިންގ އިންސްޓިޓިއުޓާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ ސެޝަންތަކެކެވެ. "އެގްޒެކެޓިވް އެންހޭންސްމަންޓް އެންޑް އެންރިޗްމަންޓް 2021-2023 ގެ ދަށުން ވިޝަނިންގ ފޮރ މޯލްޑިވްސް ލީޑަރޝިޕް ޑައިލޮގްސްގެ ނަމުގައި ކުރިއަށްގެންދާ މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުރިމަގަށް ސްޓްރެޓެޖިކް ޕްލޭންތައް އެކުލަވާލުމުގެ މައްޗަށެވެ.

ވެބިނަރ ސީރީޒްއެއް ގޮތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޒޫމް މެދުވެރިކޮށެވެ. 300 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މިބައްދަލުވުން ބާއްވާފައިވަނީ ބުދަދުވަހުއެވެ. އަދި ކުރިއަށްއޮތް ތަނުގައި މީގެ އިތުރު ސެޝަންތައް ބޭއްވުމަށްވަނީ ނިންމާފައެވެ.

ފުރަތަމަ ސެޝަންގައި ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި ފަރާތްތަކާއި ދައުލަތުގެ މުވައްސަސާތަކާއި ކުންފުނިތަކާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުންވަނީ ބައިވެރިވެފައެވެ. މިސެޝަންތައް ނަންގަވައިދެއްވީ ޔޫއެންޑީޕީން ކަނޑައަޅުއްވާފައިވާ ކަމާ ގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރުންނެވެ.