ތަރައްްޤީ

އިސްލާމީ މަރުކަޒު އާބާތުރަ ފިލުވުމުގެ މަސައްކަތް ރަމަޟާންމަހަށް ނިމޭނެ


އިސްލާމީ މަރުކަޒުގެ ގޯތިތެރެއާއި މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ރަމަޟާން މަސް ފެށެންވާއިރަށް ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ފުރަތަމަ ހަފްތާގައެވެ.

މިއަހަރުގެ ރަމަޟާންމަހަށް ތައްޔާރުވުމުގެގޮތުން އިސްލާމިކް މިނިސްޓްރީ ކުރަމުންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން އިސްލާމީ މަރުކަޒުގެ އާބާތުރަފިލުވާ، ގޯތި ތެރެ ޒީނަތްތެރިކުރުން ހިމެނެއެވެ. އެގޮތުން އިސްލާމީ މަރުކަޒު ބޭރުފާރުތައް ދޮވެ ސާފުކޮށް، މިސްކިތުގެ އެތެރެއާއި ބޭރު ދޮވެ ސާފު ކުރުމާއި، ދަވާދު ލާންޖެހޭ ތަންތާނގައި ދަވާދުލުމާއި، އިސްލާމީ މަރުޒަކުގެ ގޯތިތެރޭގައި ހަލާކުވެފައިވާ މާބުލްތައް ނަގައި، އައު މާބުލްޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާޢީލް އަފްރާޙް ވިދާޅުވީ، ރަމަޟާންމަހު އަންހެނުން ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ބައިގައި އިތުރު ފަންކާތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މިހުރާބުގޭގައި ހަރުކޮށްފައިވާ ކެލިގްރަފީ އައުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އިސްލާމީ މަރުކަޒު ހުޅުވިފަހުން މިހުރާބުގޭގައި ހުރިި ޢަރަބި ލިއުންގަނޑު އައުކުރާ ފުރަތަމަ ފަހަރެވެ.

"ރަމަޟާންމަހު ވަރަށް ގިނަ އަންހެނުންވެސް މިސްކިތަށް ވަޑައިގަންނަވާނެ. އެހެންވީމާ ތޮއްޖެހުމުގެ ސަބަބުން ހޫނު އެބަ އިޙްސާސްކުރެވޭ. ހޫނު އެބަވޭ. އެހެންވީމަ ފިނިކުރުމަށްޓަކާ އިތުރު ފަންކާތަކެއް އަޅުގަނޑުމެން މިލަނީ. އޭގެ އިތުރުން މިހުރާބުގޭގެ ކެލިގްރަފީ، ޢަރަބި ލިއުންގަނޑު އެއީ މީގެ 33 އަހަރު ކުރިން ހަދާފައިއިން ލިއުންގަނޑު އަދިވެސް އެތާ އެހުރީ. އެހެންވީމަ އެ ބާވެ މަރާމާތުކުރަން ޖެހިފައިވުމާއެކީގައި އަޅުގަނޑުމެން މި ރަމަޟާންމަހަށް އިރާދަކުރެއްވިއްޔާ އެ މަސައްކަތްވެސް އަޅުގަނޑުމެންނަށް ނިންމާލެވޭނެ" އަފްރާޙް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ފާއިތުވި 3 އަހަރުގެ ރަމަޟާންމަހުވެސް އިސްލާމީ މަރުކަޒުގައި ބޮޑެތި މަރާމާތުތައްކޮށް ޒީނަތްތެރި ކޮށްފައެވެ. އެގޮތުން މިސްކިތުގެ އެކި ތަންތަނުގައި ހަރުކޮށްފައިވާ ކެލިގްރަފީ ބޯޑުތައް މަރާމާތުކޮށް ރީތި ކުރުމާއި، ލަކުޑި ޖާލިތައް ބަދަލު ކުރުމާއި، ކުލަ އާކުރުން އަދި ބޮކިތަކާއި ފަންކާ ބަދަލު ކުރުން ހިމެނެއެވެ.

މީގެ އިތުރުން އިސްލާމީ މަރުކަޒުގެ ގުއްބާއި މުންނާރު އައު ކުރުމާއި، ބޮޑު ދެ ފަންކާ ހަރުކުރުމާއި، ޗާންދަލިޔާ އާކުރުމުގެ އިތުރުން އިސްލާމީ މަރުކަޒުގެ ސައުންޑް ސިސްޓަމްވެސް ބަދަލުކޮށްފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް އަދި އިސްލާމީ މަރުކަޒު ރަސްމީކޮށް ހުޅުވާފައިވަނީ 11 ނޮވެމްބަރު 1984 ގައެވެ. މިތަން ބިނާކޮށްފައިވަނީ އިސްލާމީ ގިނަ ޤައުމުތަކެއްގެ އެހީތެރިކަމާއެކުއެވެ. އޭގެ ތެރޭގައި ސަޢުދީ އަރަބިއްޔާ، ޔޫ.އޭ.އީ، މިޞްރު، ކުވައިތު، ބުރުނާއީ، މެލޭޝިއާ އަދި ޕާކިސްތާނު ހިމެނެއެވެ. މިއީ ރާއްޖޭގައި މިގޮތަށް ބިނާކުރެވުނު އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިސްލާމީ މަރުކަޒެވެ. މިތަނަކީ އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.

އިސްލާމީ މަރުކަޒަކީ ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަށް ރަމްޒުކޮށްދޭ އެންމެ ބޮޑު ބިނާއެވެ. އެހެންކަމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްލާމީ މަރުކަޒު ކޮންމެ އަހަރަކު ރަމަޟާންމަހަށް ޚާއްސަކޮށްގެން އާބާތުރަފިލުވާއި ޒީނަތްތެރި ކުރެއެވެ.