ޚަބަރު

ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދީ ދުވެލި ދަށަށްދާނެ: އައިއެމްއެފް


ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ އިޤްތިޞާދީ ދުވެލި އަނެއްކާވެސް ދަށަށް ދާނެކަމަށް، އައިއެމްއެފުން ލަފާކޮށްފިއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން (އައިއެމްއެފުން) ފާއިތުވި ފެބްރުއަރީމަހު ދުނިޔޭގައި އިންފްލޭޝަން އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެކަމަށް ނުބެލެވޭކަމަށް ވަނީ ބުނެފައެވެ. 2022ވަނަ އަހަރުގެ ކުރީކޮޅު ކޯވިޑް-19ގެ އެންމެ ބާރަށް ފެރުވޭ ވައްތަރު ކަމަށްވާ އޮމިކްރޯން ވޭރިއެންޓުގެ އަސަރު ޤައުމުތަކަށް ކުރަންފެށުމުން އައިއެމްއެފުން ވަނީ މިއަހަރަށް ލަފާކޮށްފައިވާ ދުނިޔޭގެ އިޤްތިޞާދީ ދުވެލީގެ ނަންބަރުތައް ދަށްކޮށްފައެވެ. އެގޮތުން ޗައިނާގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވާ މިންވަރުގެ 0.8 އިންސައްތަ ދަށްކޮށްފައިވާއިރު، އެމެރިކާގެ ފޯކާސްޓުން 1.2 އިންސައްތަ ދަށްކޮށްފައިވެއެވެ. އަދި ޖުމްލަގޮތެއްގައި ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވާ މިންވަރުގެ 0.5 އިންސައްތަ މަދުކޮށްފައިވެއެވެ.

ބުރާސްފަތިދުވަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އައިއެމްއެފްގެ މެނޭޖިންގ ޑިރެކްޓަރ ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމުގެ އަސަރު މުޅި ދުނިޔޭގެ އިޤްތިޞާދަށް ކުރާނެކަމަށެވެ. އެގޮތުން ދުނިޔޭގެ އިޤްތިޞާދީ ދުވެލި ކުރިއަރާނެކަމަށް މިއަހަރަށް ލަފާކޮށްފައިވާ މިންވަރު އަނެއްކާވެސް ދަށްކުރަންޖެހޭނެކަމަށް އައިއެމްއެފުން ލަފާކުރެއެވެ.

ޖޯޖީވާ ވިދާޅުވީ ޔޫކްރެއިނަށް މިހާތަނަށް ލިބިފައިވާ ގެއްލުމުގެ އިތުރަން، ވިލާތުން އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިޤްތިޞާދަށްވެސް ބޮޑު ހީނަރުކަމެއް އަންނާނެކަމަށެވެ. އަދި ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި، ގޮދަނާއި، ގަސްކާނާއާއި، މަޢުދަންފަދަ އަސާސީ ތަކެތީގެ އަގު އުފުލެމުންދާތީ، މިއީ މިހާރު ދިމާވެފައިއޮތް އިންފްލޭޝަން އިތުރުވުމުގެ މައްސަލައަށް އިތުރުވެގެންދާ ބޮޅެއްކަމަށް ޖޯޖީވާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވިލާތުގައި މިހިނގާ ހަނގުރާމައަކީ ކޯވިޑް-19ގެ ޕެންޑަމިކަށްވުރެވެސް ކަންބޮޑުވާ ޙާލަތެއް ކަމަށެވެ.

އައިއެމްއެފްގެ ރިޕޯޓުތަކުން ދައްކާގޮތުން 2021ވަނަ އަހަރު ދުނިޔޭގެ ޖީޑީޕީގެ ނިޞްބަތް 5.9 އިންސައްތަ އިތުރުވެފައިވެއެވެ. ނަމަވެސް އެކި އިޤްތިޞާދީ ގޮންޖެހުންތަކާހުރެ 2022ވަނަ އަހަރަށް ލަފާކޮށްފައިވާ ގްލޯބަލް ގްރޯތް ފޯކާސްޓް، 4.4 އިންސައްތައަށް ވަނީ ތިރިކޮށްފައެވެ. އައިއެމްއެފުން މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ދުނިޔޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރާ އެންމެ ފަހުގެ އަންދާޒާ ޢަދަދުތައް އަންނަ މަހު ނެރުމަށް ހަމަޖެހިފައިވެއެވެ.