ރިޕޯޓް

މާލޭގައި އިންޑަސްޓްރިއަލް ވިލެޖެއް ޤާއިމްކުރަނީ


މާލޭ ހުޅަނގު ދެކުނު ފަރާތުގައި އިންޑަސްޓްރިއަލް ވިލެޖެއް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކުރައްވައިފިއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރައްވާފައި ވަނީ 159 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.މާލޭ ހުޅަނގު ދެކުނު ފަރާތުގައި އިންޑަސްޓްރިއަލް ވިލެޖެއް ތަރައްޤީކުރުމަށްޓަކައި، އެ ސަރަޙައްދުން 4.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބިން ހިއްކުމަށް ހަމަޖެހިފައި ވަނީ މާލޭ ހުޅަނގު ދެކުނު ކަންމަތި ނުވަތަ ކަޅުތުއްކަލާކޮއްޓާ ދިމާލުންނެވެ. މި މަޝްރޫޢު ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ހަވާލުކުރައްވާފައިވާއިރު، އެ ކުންފުނިން މިހާރުވެސް ދަނީ ބިން ހިއްކުމުގެ ކުރިން އެ ސަރަޙައްދުން އިތުރު ނެރެއް ކަނޑަން ޖެހޭތީ، އެ މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދުން ބިން ހިއްކުމަށްޓަކައި ހަދަންޖެހޭ އީ.އައި.އޭގެ މަސައްކަތް ނިމި، އެންވަޔަރަމަންޓް މިނިސްޓްރީން ހޯދަންޖެހޭ ހުއްދަވެސް މިހާރުވަނީ ލިބިފައެވެ. ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރެވިގެންދާނީ، މާލޭގެ ކުނީގެ މައްސަލަ ޙައްލުކުރެއްވުމަށް ވޭސްޓްޔާޑެއް ޤާއިމުކުރެއްވުންކަމަށެވެ. އަދި މި ވޭސްޓްޔާޑާއިއެކު މާލެތެރޭގައި މިހާރު ހުރި ކުނިކޮށިތައް ނުހުންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ދަށުން މާލެތެރޭގައި ހުރި ގުދަންތަކާއި، ވޯކްޝޮޕްތައް ނެގުމަށްޓަކައި، ބިން ހަމަޖެހިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.އެމް.ޓީ.ސީ.ސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމު ވިދާޅުވީ، މާފަންނުގައި ތަރައްޤީކުރާ އާޓިފިޝަލް ބީޗުގެ މަސައްކަތް ނިމުނުހާ އަވަހަކަށް، އިންޑަސްޓްރިއަލް ވިލެޖްގެ އަމަލީ މަސައްކަތް ފެއްޓިގެންދާނެކަމަށެވެ. މި މަޝްރޫޢުގެ ދަށުން، މާލޭ ހުޅަނގު ދެކުނު ފަރާތުން ބޭރުތޮށި ބޭރަށް ޖައްސައި، ބޮޑު ހިލަޖެހުމުގެ އިތުރުން، ބިން ހިއްކުމާއި، ތާރުއަޅާ ރަނގަޅު ފެންވަރަކަށް މަގުތައް ހެދުން އަދި އެ ސަޙައްދަށް ބޭނުންވާ ފެނާއި ނަރުދަމާގެ ކަންކަންވެސް ކުރުމަށް ހަމަޖެހިފައިވަނީ އެކުންފުނިންކަމަށް ޢަބްދުއްރައްޒާޤު ވިދާޅުވިއެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން، އިންޑަސްޓްރިއަލް ވިލެޖުގައި މާލެއިން ކުނި ބޭރުކުރާ ވޭސްޓް މެނޭޖްމަންޓް ސަރަޙައްދެއް ޤާއިމުކުރުމާއި، މުދާ ރައްކާކުރެވޭ ގޮތަށް ގުދަން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މާލޭގައި ބޭނުންކުރަމުންދާ ހެވީ ވެހިކަލްތައް ޕާކްކުރެވޭނެ ސަރަޙައްދެއް ޤާއިމުކުރުމާއި، ރެޑީމިކްސް ކޮންކްރީޓް ހެދޭނެ ސަރަޙައްދެއް ޤާއިމުކުރެވިގެންދާނެއެވެ. މުޅި އެ ސަރަޙައްދު ތަރައްޤީކުރެވިގެން ދާނީ، ތިމާވެއްޓާވެސް ރައްޓެހި، ގްރީން ޒޯނެއްގެގޮތުގައި ކަމަށް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.