ތަޢުލީމު

"ޗާޓަރޑް އެކައުންޓެންޓުން އުފެއްދުމަށް އެންމެ ގިނަ ސްކޮލަރޝިޕަށް ހުޅުވާލީ މި ސަރުކާރުން"


ޗާޓަރޑް އެކައުންޓެންޓުން އުފެއްދުމަށް މިހާތަނަށް އެންމެ ގިނައިން ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލީ މި ސަރުކާރުންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، 150 ޗާރޓަރޑް އެކައުންޓަންޓުން ތަމްރީނުކުރުމަށް ހުޅުވާލި ސްކޮލަރޝިޕްއަށް ހޮވުނު ފަރާތްތައް އިޢުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޕްރޮގްރާމްގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ އެކައުންޓަންޓުންގެ ގޮތުގައި ދިވެހިޒުވާނުން ވީހާވެސް އަވަހަކަށް ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ގިނަ މޮޑިއުލްތަކުން އެގްޒެމްޕްޝަން ލިބޭފަރާތްތަކަށް އިސްކަންދީ އަދި މެރިޓް އުސޫލަށްވެސް ރިއާޔަތްކޮށްގެން ސްކޮލަރޝިޕް އެވޯޑްކުރުމަށް މި ސްކޮލަރޝިޕްތަކުގައި އިސްކަންދީފައިވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޗާރޓަރޑް އެކައުންޓަންޓުން ތަމްރީނުކުރުމަށް ހުޅުވާލި ސްކޮލަރޝިޕްއަށް ހޮވުނު ފަރާތްތައް އިޢުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ޗާޓަރޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް ހުޅުވާލި ފުރުސަތުގައި 493 އެޕްލިކޭޝަން ލިބިފައިވާކަމަށެވެ. އަދި އެ އެޕްލިކޭޝަން ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިހާ ފުރިހަމައަށް ނިންމާލެވުނީ އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއި ޗާޓަރޑް އިންސްޓިއުޓްގެ ފަންނީ އެހީތެރިކަމާއި ލަފާ ލިބިގެން ކަމަށެވެ.

މިނިސްޓަރ ވަނީ މި ސްކޮލަރޝިޕްގެ ހައްގުވެރިންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ހީވާގިކަމާއެކު މަސައްކަތްކޮށް ޗާޓަރޑް އެކައުންޓެންޓެއްގެ ގޮތުގައި ޚިދުމަތް ކުރާ ދުވަސް އެއީ އެމަނިކުފާނު އެންމެ ދެކިލައްވަން ބޭނުންފުޅުވާ ދުވަސްކަމަށް ވިދާޅުވިއެވެ.

"ޗާޓަރޑް އެކައުންޓެންޓުންގެ ގޮތުގައި ގިނައީ ބިދޭސީން ކަމަށްވާތީ ރާއްޖެއިން ބޭރަށްދާ ފައިސާ ހުއްޓުވުމަށްޓަކައި. އަޅުގަނޑު ގަބޫލުކުރަނީ އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް ކުރާނެ ކަމަށް. ރާއްޖޭގެ ޓެކްސް ނިޒާމު ހަރުދަނާ ވެގެން ދިއުމަކީ ވެސް އަޅުގަނޑުމެން ކުރާ އެއް ފޮނި އުއްމީދު" މިނިސްޓަރ ވިދާޅުވިއެވެ.

ސްކޮލަޝިޕް ތިބި ދަރިވަރުންނާއި މުޚާތަބުކޮށް ހަފްލާ ޝަރަފުވެރިކޮށްދެއްވާ ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ވިދާޅުވީ، މިއަދަކީ ވަރަށް ގިނަ ދުވަސްވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށްވި ދުވަސް ކަމަށެވެ. އެކަމަށްތަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މިނިސްޓަރަށް ޝުކުރު ދަންނަވާކަމަށް ހަސަން ޒިޔާތު ވިދާޅުވިއެވެ.

"މިއަދާއި ހަމައަށް ޕްރޮފެޝަންގެ ބޭފުޅުންނާއި ވަރަށް ގުޅިގެން ވަރަށް ގާތްކޮށް މިނިސްޓަރ މަސައްކަތް ކޮށްދެއްވީ. އެކަމުގެ ހަގީގީ ކުލަ އަޅުގަނޑު ދަންނަވާނީ ސްކޮލަރޝިޕްގެ ފުރުސަތު ވަރަށްގިނަ ފަރާތްތަކަށް ފަހިވެގެން ދިޔައީ." ހަސަން ޒިޔާތު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވަނީ ޗާޓަރޑް އެކައުންޓެންޓުން ތަމްރީނު ކުރެއްވުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި ސަރުކާރަށާއި މިނިސްޓަރަށް ޝުކުރު ދަންނަވާފައެވެ. އަދި 150 ސްކޮލަރޝިޕަކީ ފެށުމެއް ކަމަށާއި މީގެ ނަތީޖާ ރާއްޖޭގައި ފެނިގެން ދާނެކަމަށް ނިޔާޒީ ވިދާޅުވިއެވެ.

"ރާއްޖޭގެ ޕަބްލިކް ސެކްޓަރ އަކީ އެކައުންޓެންޓުން ނުހަނު ބޭނުންވެފައި އޮތް ސެކްޓަރ އެއް. 30 މިލިއަންގެ ބަޖެޓެއް އަޅުގަނޑުމެން މެނޭޖް ކުރާއިރު 200 އެތަށް ރަށެއްގައި 1500 އެއްހާ ދައުލަތުގެ އިދާރާތައް ވަކި ވަކި ބަޖެޓް ބޭނުންކޮށްގެން އެބަ މެނޭޖު ކުރަން." ނިޔާޒީ ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދުގައި 150 ޗާރޓަރޑް އެކައުންޓަންޓުން ތަމްރީނުކުރުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުވާލާފައިވަނީ އޭ.ސީ.ސީއޭގެ ޕްރޮފެޝަނަލް ލެވެލްއަށް އަދި ސީ.އައި.އެމް.އޭ އިން ލެވެލަށެވެ.

މި ސްކޮލަރޝިޕްތަކަށް ހޮވުނު ފަރާތްތަކަށް ރަޖިސްޓަރީ ކުރުމުގެ ފީ، އެނުއަލް ސަބްސްކްރިޕްޝަން ފީ، އެގްޒެމްޕްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޕްޝަން ފީ، އަދު އެގްޒޭމް ފީ ދޭނެއެވެ. އަދި ކަނޑައެޅިފައިވާ ރޭޓުން ބުކް އެލަވަންސާއި، ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ، އަދި މަރުކަޒަކަށް ހާޒިރުނުވެ އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި ދެން ހުރި ޚަރަދުތައް ދޭނެއެވެ.

މިޕްރޮގްރާމްގައި ކިޔަވާ ފަރާތްތައް 2 އަހަރުގެ މުއްދަތަށް ރާއްޖޭގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.