ވިޔަފާރި

ފަތުރުވެރިކަމުގެ 50 އަހަރު: 50 ޑައިވް ސައިޓެއްގެ ފޮޓޯ ނަގަނީ


ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކަނޑުއަޑީގެ ފޮޓޯ ނެގުމުގެ މުބާރާތެއް ކުރިއަށްގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

1 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ހަރަކާތުގައި ރާއްޖޭގެ އެންމެ ރީތި 50 ޑައިވް ސެންޓަރަށް ޒިޔާރަތްކުރާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ މި ހަރަކާތް ބާއްވަނީ އޯޝަން ޖިއޮގްރަފިކްއާއި، މަޑޯއާއި ގުޅިގެންނެވެ.

މި ހަރަކާތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މިއީ މުސްތަގްބަލްއަށް ވިސްނުމަށްފަހު އަހަރަކު 1 ފަހަރު ބާއްވަން ހަމަޖެހިފައިވާ ހަރަކާތެއްކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން ފަރުތައް ހިމާޔަތްކުރުމަށްވެސް ޚާއްސަ އިސްކަމެއްދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެއްފަހަރާ 50 ސައިޓެއްގައި ޑައިވްކޮށްގެން ރީފްތަކާއި އެއްޗެހީގެ ފޮޓޯނަގައި މުސްތަޤްބަލަށްވެސް ދިރާސާއަކަށް ވާގޮތައް ކޮންމެ އަހަރަކު 1 ފަހަރު ފޮޓޯ ނަގާކަހަލަ މުބާރާތެއް މިފެށެނީ. އަޅުގަނޑުމެންގެ ވިސްނުން ހުރީ މިއީ ޕްރޮޓެކްޓިވް ސައިޓްތަކަށްވާން." މައުސޫމް ވިދާޅުވިއެވެ.

މި ހަރަކާތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އޯޝަން ޖިއޮގްރަފިކްގެ ފައުންޑަރ މައިކަލް ވިދާޅުވީ، ރާއްޖޭގެ މެރިން ޓޫރިޒަމްގެ 50 އަހަރު ފަހަގަކުރާއިރު މިއީ އެންމެ މުހިންމު އެއް ހަރަކާތްކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ އަޑީގެ ރީތިކަމަކީ މުޅި ދުނިޔެއިންވެސް ވަރަށް ޚާއްސަ ރީތިކަމެއް ލިބިފައިވާ ތަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މައިކަލް ވިދާޅުވީ، މި ހަރަކާތް ކުރިއަށްގެންދާނީ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުކަމަށެވެ. މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ޑައިވް ސެންޓަރުތަކާއި ރިސޯޓްތަކުން ނޮމިނޭޓްކޮށްފައި ހުރި ރާއްޖޭގެ 50 ޑައިވް ސެންޓަރުގެ ފޮޓޯ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފޮޓޯގްރަފަރުން 1 ދުވަހުގެ ތެރޭގައި ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަރުތައް ހަލާކުވެފައިވާކަމަށް މީގެކުރިން މީހުން ދައްކަމުންދާ ވާހަކައަށް ރައްދު ދެއްވަމުން މައިކަލް ވިދާޅުވީ، މިދިޔަ 5 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ފަރުތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަންނަން ފަށާފައިވާކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ "50 ބެސްޓް ސައިޓް" ހަރަކާތުގެ ތެރެއިން ރާއްޖޭގައި ހުރި އެންމެ ގުދުރަތީ މުއްސަނދި ފަރުތައް މުޅި ދުނިޔެއަށް ދައްކާލާނެއެވެ. މި ހަރަކާތް ކުރިއަށްދާނީ 29 ސެޕްޓެމްބަރުގެ ހެނދުނު 7:30 އިން ފެށިގެން ހަވީރު 5:30 އަށެވެ.

މި ހަރަކާތުގައި ބައިވެރިވާ ފޮޓޯގްރަފަރުން ނަގާ ފޮޓޯތައް އެކަމަށް ޚާއްސަކޮށްފައިވާ ޕެނަލަކުން ބެލުމަށްފަހުގައި ވަނަވަނައަށް ހޮވޭ ފަރާތްތައް އިއުލާންކުރާނެއެވެ. އެ ފަރާތްތައް އިއުލާންކުރުން އޮންނާނީ އޮކްޓޯބަރ 2 ވަނަ ދުވަހުއެވެ. އަދި ޝޯސަލް މީޑިއާއާއި އެނޫންވެސް ވަސީލަތްތަކުގައި މި ފޮޓޯތައް ބޭނުންކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.