ޚަބަރު

ދުނބުޅި އިންޖީނުގެތައް ޒަމާނީކުރުން: އަންނައަހަރު ހުރިހާ މަޝްރޫއެއް ނިމޭނެ!


ރާއްޖޭގެ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގުތައް މީހުން ދިއރިއުޅޭ ސަރަހައްދާއި ދުރަށް ގެންދިއުމަށް ހިންގާ ހުރިހާ މަޝްރޫޢުއެއް އަންނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެނަކައިން ގެންދަނީ ރާއްޖޭގެ ރަށްރަށުގައި ހުރި ގެނދަބުޅި އިންޖީނު ގެތައް އެންމެ ޒަމާނީ އިންޖީނުގެތަކަށް ބަދަލުކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވި އިރުވެސް އަތޮޅުތެރޭގެ ގިނަ ރަށްރަށުގެ ކަރަންޓްގެ ހާލަތު އޮތީ ނުހަނު ދަށްކޮށެވެ. ބައެއް ރަށްރަށުގެ އިންޖީނުގެތައް ހުރީ ބޮލަށް ވެއްޓޭ ހާލަތުގައެވެ. އަނެއްބައި ރަށްރަށުގައި ކަރަންޓް ދިނުމަށް އިންޖީނުތައް ބަހައްޓާފައި ހުރީ ދަގަނޑު ޓިނުން ހަދާފައިވާ ފިޔަފާޅި ގަނޑެއްގެ ދަށުގައެވެ. އެހެންކަމުން ފެނަކައިން ކަރަންޓްގެ ޚިދުމަތްދޭ ރަށްރަށުގެ އިންޖީނުގެތައް ޒަމާނީ ކުރުމަށްޓަކައި 2019 ވަނަ އަހަރު އެކުންފުނިން ވަނީ ގިނަ މަޝްރޫޢުތަކެއް ފަށްޓަވާފައެވެ. މިގޮތުން މުޅިން އަލަށް ގިނަ އިންޖީނުގެތަކެއް އެޅުމުގެ މަސައްކަތް ފަށާއި، ކަރަންޓްގެ ޚިދުމަތްދޭ ކޭބަލްފަދަ ގިނަ ވަސީލަތްތައް ޒަމާނީކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، އެކުންފުނިން ފަށާފައިވާ ހުރިހާ މަޝްރޫޢުއެއްވެސް ވަރަށް ހަލުވި ބާރުމިނުގައި ކުރިއަށްދާކަމަށާއި، ކޯވިޑާއެކުވެސް އެ މަޝްރޫޢުތަކަށް މާބޮޑު ލަސްތަކެއް އައިސްފައި ނުވާކަމަށެވެ. ސަޢީދު ވިދާޅުވީ ފެނަކައިން މިހާތަނަށް ފަށާފައިވާ ހުރިހާ މަޝްރޫޢުއެއް އަންނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށެވެ. އޭގެތެރެއިން ގިނަ މަޝްރޫޢުތަކެއް މިއަހަރުވެސް ނިމޭނެކަން ސަޢީދު ފާހަގަކުރެއްވިއެވެ.

"ފެނަކައިގެ ޓާގެޓަކީ މުޅި ދިވެހި ރާއްޖޭގައި ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ގެދަނބުޅިި ބަދިގެތައް ނޫނީ ގެނދަބުޅި އަރަމުންދާ އިންޖީނުގެތައް އެއްކޮށް ބަދަލުކޮށް ނިންމުން. އަޅުގަނޑަށް މިހާރު ފެންނަ ފެނުމުގައި އެއަށްވުރެ ކުރިންވެސް އަޅުގަނޑުމެންނަށް އެކަން ކުރެވޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް." ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވިއެވެ.

ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ހަވާލުވިއިރުވެސް ވަރަށް ދަށް ހާލަތުގައި ހުރި ގިނަ އިންޖީނުގެތަކެއް ހުއްޓެވެ. ފެނަކައިން ރާއްޖޭގައި، 154 އިންޖީނުގެ ހިންގަމުން ގެންދާއިރު، އޭގެ ތެރެއިން ފަސްދޮޅަހަށްވުރެ ގިނަ އިންޖީނުގެތަކުގެ ހާލަތު ވަަރަށް ދަށެވެ.

ސަބަބަކީ ކަރަންޓްގެ ޚިދުމަތް އެންމެ ފުރަތަމަ ފަށައިގަތްއިރު، ރަށްރަށުގައި އިންޖީނުގެތައް ބިނާކުރެވިފައި ހުރީ، ރަށުގެ ގެތަކުގެ މެދުގައިކަމަށްވުމެވެ. އިންޖީނުތަކުން އިވޭ ގަދަ އަޑާއި ބުރާ ދުނބުޅީގެ ސަބަބުން އާއްމުންނަށް އެތައް ގިނަ ގެއްލުންތަކަކާއި ތުރާތަކެއް އައީ ކުރިމަތިވަމުންނެވެ.

"ރައްޔިތުން ދިއރިއުޅެމުންދާ ސަރަހައްދުގަ ހުރި އޭގެ އެންމެ ހާލަތު ގޯސް 66 އިންޖީގު ހުންނާނެ. އެ ހުރިހާ ތަނެއްގެވެސް މަސައްކަތް ކުރިއަށް ގޮސް އޭގެ ތެރެއިން ގާތްގަނޑަކަށް 30އަށް ވުރެ ގިނަ ޕްރޮޖެކްޓްތައް ނިމި އެހެން ޕްރޮޖެކްޓްތައް ނިމުމުގެ މަގުމަތީގަވަނީ. އެހެންވީމަ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ޓާގެޓަށް ނިންމާލެވޭނެކަމުގެ." ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު، ވިދާޅުވި ގޮތުގައި، ފެނަކައިން ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް، ރަށްރަށުގެ ހާލަތު ދަށްކަމެވެ. މިގޮތުން ބައެއް ރަށްރަށުގައި އެޅިފައި ހުރި، ކަރަންޓް ނެޓްވޯކް ތަކަކީ، މީގެ 25 ނުވަތަ 30 އަހަރު ކުރީގެ ނެޓްވޯކްތަކެކެވެ. އެ ގޮންޖެހުންތަކާއެކުވެސް ފެނަކައިގެ އަމާޒަކީ، ދަތިނުވެ 25 އަހަރަށް ވުރެ ގިނަ ދުވަހަށް ބޭނުން ކުރެވޭނެ މިންވަރަށް ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ބިނާކޮށް ކަރަންޓް ނެޓްވޯކްތައް ބަދަލުކޮށް އެކުންފުނީގެ ހުރިހާ އިންޖީނުގެތަކެއް އެންމެ މިޒަމާނާއި އެއްގޮތަށް ބަދަލު ކުރުމެވެ. މިއާއެކު ޒަމާނުއްސުރެ ރައްޔިތުން އުފުލަމުންއައި ތަކުލީފުތަކަށް ވަރަށް ބޮޑު ހައްލެ ލިބޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވިއެވެ.