ޚަބަރު

ދެ ކޮމަންޑޫ ގުޅާލުން: ހިއްކި ސަރަހައްދު ޙިމާޔަތް ކުރަނީ


ށ.އަތޮޅު ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅުވާލުމަށް ހިއްކި ސަރަހައްދު ޙިމާޔަތްކުރަން ފަށައިފިއެވެ.

މިމަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ވިދާޅުވީ ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމަށް މިހާރު ހިއްކާފައި އޮތް ސަރަހައްދު ޙިމާޔަތް ކުރުމަށް ކުރެވޭމަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށާ، ވަގުތީގޮތުން މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ އެސަރަހައްދު ގިރައިގެން ދިޔަނުދިނުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

ދެ ކޮމަންޑޫ ގުޅާލުމަށް 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދެރަށް ގުޅާލުމަށް 200 މީޓަރުގެ ދިގު ލިންކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 1690 މީޓަރުގެ ސަރަހައްދެއްގައި ސޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 14ވަނަ ދުވަހުއެވެ. އަދި ދެރަށް ގުޅާލުމަށް ބިންހިއްކުމުގެ މަސައްކަތް ފެށީ ހަމަ އެމަހުގެ 31ވަނަ ދުވަހުއެވެ.

ކޮމަންޑޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަވައިދެއްވުމަކީ ރައީސުލްޖުމްހޫިރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމްޕެނީ އެމްޓީސީސީ އާ މި މަސައްކަތް ހަވާލުކުރީ 249.90 މިލިއަން ރުފިޔާއަށެވެ.