ވިޔަފާރި

ރަމަޟާންމަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ މެންދަމު 1:00އާ ހަމައަށް


ރަމަޟާންމަހު މުދާ ވިއްކާ ތަންތަނާއި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މިމަހުގެ 20ވަނަ ދުވަހުން ފެށިގެން އަދި ރަމަޟާން މަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހާ ހަމައަށް، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30އިން މެންދަމު 1:00އަށްކަމަށެވެ.

ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިއެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވަނީ ހަވީރު 5:30އިން މެންދަމު 3:00އާ ދެމެދުއެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ ފަތިހު 4:30އިން މެންދަމު 3:00އާ ދެމެދުގައިކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނާއި މުދާ ވިއްކާ ތަންތަނުން މިގޮތައް އަމަލުކުރުމަށް އަންގާފައެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އަންނަ އޭޕްރީލް މަހުގެ 2ވަނަ ދުވަހެވެ. މީގެކުރިންވެސް ރަމަޟާންމަހާއި ދިމާކޮށް ކެފޭ ރެސްޓޯރަންޓްތަކާއި މުދާ ވިއްކާ ތަންތަން ހުޅުވާ ޚާއްސަ ވަގުތުތަކެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅުއްވައެވެ.