ވިޔަފާރި

އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ ސްކީމްތަކާމެދު ސަމާލުވުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފި


އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ ސްކީމްތަކާމެދު ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، (އެމްއެމްއޭ)އިން އިލްތިމާސްކުރައްވައިފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ ޢާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކައި، ފޭސްބުކާއި ޓެލެގްރާމްފަދަ ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމްއެއްގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބެމުން އަންނަކަމަށެވެ.

މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، ޢާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި ކުރީކޮޅުގައި ބައިވެރިވާ މީހުންނަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ މީހުންގެ ފައިސާއިންނެވެ.

މިހެންކަމުން މިފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫންކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި ސްކީމް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ބަޔަކަށް
އެމީހުން ދިން ފައިސާވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭކަން އެމްއެމްއޭއިން ފާހަގކުރައްވައެވެ. އަދި ސްކީމްއަށް ދޭ ފައިސާ އަކީ ސްކީމް ހިންގާ ފަރާތުން އަނބުރާ ނުދީފިނަމަ، ފައިސާ ޖަމާވާ ބޭންކަށްވެސް އަނބުރާ ދެވޭނެ އެެއްޗެއް ނޫންކަން އެމްއެމްއޭއިން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިފަދަ ސްކީމްތަކާ މެދު ސަމާލުވުމަށާއި، އޭގައި ބައިވެރި ނުވުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.