ޚަބަރު

އާމާން މުޖުތަމަޢެއް ބިނާކުރުމުގައި އަންހެނުންގެ ދައުރު މުހިންމު - ޚަލީލް


ދެމެހެއްޓެނިވި އަމާން މުޖުތަމަޢެއް ބިނާކުރުމުގައި އަންހެނުންގެ ޝާމިލުވުމާއި ބައިވެރިވުން މުހިންމުކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުގެ އޯޕަން ޑިބޭޓް އޮން އެޑްވާންސިންގ ދަ ވިމެން، ޕީސް އެންޑް ސެކިއުރިޓީ: އަންހެނުންގެ އިޤްތިޞާދީ ޝާމިލުވުމާއި، ޞުލްޙަ ބިނާކުރުމުގެ ތަޅުދަނޑިއެއްގެ ގޮތުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭއްވި އ.ދ.ގެ ސަލާމަތީ މަޖިލީހުގެ އޯޕަން ޑިބޭޓްގައި ތަޤްރީރުކުރައްވަމުންނެވެ.

ސްޓޭޓް މިނިސްޓަރ ޚަލީލްގެ ބަޔާނުގައި، ވިމެން ޕީސް އެންޑް ސެކިއުރިޓީ އެޖެންޑާގައި ކައުންސިލުން ހޯދާފައިވާ ކުރިއެރުންތައް ބަލައިގަންނަކަމަށާއި، ނަމަވެސް މިހާރުން މިހާރަށް ވެސް އިތުރު ފިޔަވަޅު އެޅުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި އަމާން މުޖުތަމަޢެއް ބިނާކުރުމުގައި އަންހެނުންގެ ޝާމިލުވުމާއި ބައިވެރިވުން މުހިންމުކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ސްޓޭޓް މިނިސްޓަރު ވަނީ އަންހެނުން ބާރުވެރިކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އަންހެނުންގެ ކަންކަން ނިންމާ މަޤާމުތަކާއި ތަންފީޒީ މަޤާމުތަކުގައި އަންހެނުންގެ ޢަދަދު އިތުރުކުރުމަށް ޤާނޫނެއް ހައްދަވައި، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުގެ އެންމެ ބޮޑު އެއް ބުރަ އުފުލަންޖެހުނީ އަންހެނުންކަމަށެވެ. މިގޮތުން، ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ވަޒީފާ ގެއްލުނު މަސައްކަތްތެރިންނަށް، ޚާއްޞަކޮށް ނުރަސްމީ ދާއިރާގައި މަސައްކަތް ކުރެއްވި އަންހެނުންނަށް އިންކަމް ސަޕޯޓް އެލަވަންސް ގެ ގޮތުގައި ދެއްވަމުން ގެންދަވާ އެލަވަންސްގެ މައްޗަށް ސްޓޭޓް މިނިސްޓަރު އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކަލާއި، އޭގެ ސަބަބުން އަންހެނުންނަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ވެސް ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓީރިއަލް ލެވެލް އޯޕަން ޑިބޭޓަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރިޔާސަތުގެ ސިގްނޭޗާ އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް މަރިއަމް ބިންތު މުޙައްމަދު ސަޢީދު ހަރީބް އަލްމަހީރީއެވެ.