ޚަބަރު

ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އިތުރު 4 ކުންފުންޏަކަށް


ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިތުރު 4 ކުންފުންޏަކަށް ދީފިއެވެ. މިއާއެކު ޖުމުލަ 41 ކުންފުންޏަކަށް ވަނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަދީފައެވެ.

އަލަށް އުމްރާއަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވަނީ ޒާއިރު ޕްރައިވެޓް ލިމިޓެޑާއި، ރައުޟާ ޕްރައިވެޓް ލިމިޓެޑާއި އުޙުދު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލް މުސާފިރު ޕްރައިވެޓް ލިމިޓެޑްއަށެވެ. މި ކުންފުނިތަކަށްވެސް ހުއްދަ ދޫކޮށްފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން ޢާންމުކުރެއްވި، ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލްއާ އެއްގޮތްވާގޮތަށް ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކޮށްފައިވަނީ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. އަދި ޢުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްކަމުގައި ވެގެންނުވާނެއެވެ. ނުވަތަ އެމީހަކީ ހުއްދައަށް އެދި ހުށަހަޅާ ތާރީޚުން ފެށިގެން ވޭތުވެދިޔަ 5 އަހަރުދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައިވެސް ވެގެންނުވާނެއެވެ. އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން، ހުއްދަ ލިބޭތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ވަކި މިންގަނޑަކަށް ފެތޭ ގޮތަށް، އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކަށް ޚިދުމަތްދޭ އޮފީހެއް ގާއިމުކުރަންޖެހެއެވެ. ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ޖަމާކުރުމަށް ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ވަކި ޚާއްސަ ބޭންކް އެކައުންޓެއް ހުޅުވަންވެސްވަނީ ލާޒިމްކޮށްފައެވެ.

އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދޭ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އޮންނަންވާނެ ކަމަށް ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ދަފްތަރަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކުންފުންޏާއި އުމްރާއަށް ދާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގައި ސޮއިކުރަންވެސް ޖެހެއެވެ. އަދި އެ އެއްބަސްވުމުގައި ޢުމްރާ ދަތުރުގެ ޖުމުލަ އަގާއި ކުންފުނިން ފޯރުކޮށްދޭނެ އެންމެހައި ޚިދުމަތްތައް ހިމަނާފައި އޮންނަންޖެހެއެވެ.

އަދި އުމްރާއަށް ގޮސް ތިބޭ ދުވަސްވަރު އެ ކުންފުންޏެއްގެ ޢުމްރާ ޕެކޭޖުގައިވާ ގޮތުގެ މަތީން ޢުމްރާވެރީންނަށް ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަމަޖައްސައިދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.