މުނިފޫހިފިލުވުން

"ކުޗްކުޗް ހޯތާ ހޭ" އިން މިކަން ޝާހަށް ކަމަކު ނުދޭ


1998 ވަނަ އަހަރު ދެއްކި ރޮމޭންޓިކް މިޔުޒިކަލް ފިލްމު "ކުޗްކުޗް ހޯތާ ހޭ" އަކީ 90 ގެ އަހަރުތަކުގައި ރޮމޭންޓިކް ޑްރާމާ ފިލްމުތަކަށް އިންގިލާބީ ބަދަލެއް ގެނުވި ފިލްމެކެވެ.

ޝާހުރުކްޚާން، ކާޖޮލް އަދި ރާނީ މުކަރްޖީ ފެނިގެންދިޔަ މި ފިލްމަކީ ލޯތްބާއި ރަހްމަތްތެރިކަމުގެ ގުޅުން ދައްކުވައިދިން ފިލްމެކެވެ. މިއީ އަދިވެސް ގިނަ ބައެއްގެ ފޭވަރިޓް ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ. އަދިވެސް ބަންދުތަކާއި ލޯބީގެ ގޮތުން ފާހަގަކުރާ ދުވަސްތަކާއި ގުޅުވަައިގެން ސިނަމާތަކުގައި ދައްކަމުން އަންނަ މި ފިލްމަކީ 1990 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއްވެސް ލިބުނު ފިލްމެވެ.

ނަމަވެސް ފިލްމުގެ މޭކިން ވީޑިއޯގައި ލީޑް އެކްޓަރު ޝާހް ބުނީ މީގައި އޭނާއަށް ކަމުނުދިޔައީ އޭނާއަށް ލާން ޖެހުނު ގަޔަށްބާރު ކޮސްޓިއުމެވެ. ޒުވާން ޅަ ކުއްޖެގެ ރޯލުން ފެންނަން ޖެހޭތީ އޭނާއަށް ޖެހުނީ ބާރު ޖީންސާއި ޓީޝާޓް ކަހަލަ އެއްޗެހި ލާންކަމަށާއި މިއީ އޭނާ ވަރަށް ގަޔާނުވި ކަމެއް ކަމަށް ޝާހު ބުންޏެވެ.

މީގެއިތުރުން ކާމިޔާބު ޑައިރެކްޓަރު ކަރަން ޖޯހަރް ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ ވާހަކަ އޭނާ ފިލްމަށް ސޮއި ކުރިއިރުވެސް ކަމުނުދާ ކަމަށް ޝާހު ވަނީ ބުނެފައެވެ. އަދި ފަހުން ފިލްމުގައި ފެނުނީ އަސްލު ފުރަތަމަ ކަރަން ގެނައި ސްޓޯރީއެއް ނޫންކަމަށްވެސް ޝާހު ވަނީ ބުނެފައެވެ.

އިންޑިއާ، މޮރިޝަސް އަދި ސްކޮޓްލޭންޑްގައިވެސް މަންޒަރުތައް ނަގާފައިވާ މި ފިލްމަކީ ކަރަންގެ ފުރަތަމަ ޑައިރެކްޝަނެވެ. މި ފިލްމުގެ މިޔުޒިކް ހަދާފައިވަނީ ޖަތިން ލަލިތްއެވެ.