ޚަބަރު

ފޭދޫ އިސްރަށްވެހިންގެ "ހިޔާވަހި" މިއަހަރު ނިންމަނީ


  • އައްޑޫ ސީޓީ ފޭދޫގެ އިމާރާތުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް

  • ފުނަދޫގެ އިމާރާތް ފެށުމަށް ދަނީ ތައްޔާރުވަމުން

  • ތުލުސްދޫގެ އިމާރާތް މިމަހު އެމްޓީސީސީއާ ޙަވާލުކުރާނެ

އައްޑޫސިޓީ ފޭދޫގައި ޤާއިމުކުރާ އިސްރަށްވެހިންގެ ހިޔާވަހި ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އާބާދީ ދޮށީ ޢުމުރުގެ އާބާދީއަކަށް މިސްރާބު ޖަހާފައިވާއިރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ތިން ސަރަޙައްދެއްގައި އޭޖެންޑް ކެއަރ ސެންޓަރުތަކެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ، ކުރަމުންނެވެ.

ޕީއެސްއެމްނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ޑިރެކްޓަރ އޮފް ސޯޝަލް ޕޮލިސީ ދިފްލާ ރައުފް ވިދާޅުވީ، އޭޖެންޑް ކެއަރ ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީ ފޭދޫގައި އިމާރާތް ކުރާ އިސްރަށްވެހިންގެ ހިޔާވަހީގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މި އިމާރާތުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅުން ފެށިގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރައްވަނީ، މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އިމާރާތުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލުމަށް ކަމަށް ދިފްލާ ވިދާޅުވިއެވެ.

"އައްޑޫސިޓީ ފޭދޫގައި އިސްރަށްވެހިންގެ ހިޔާވަހީގެ މަސައްކަތްތައް މިއަހަރުގެ ކުރީކޮޅުން ފެށިގެން އިމާރާތުގެ މަސައްކަތްތައް ކުރިއަށް އެބަދޭ. މި މަރުކަޒަކީ، އިސްރަށްވެހިންނަށް ބޭނުންވާ ހިޔާވަހިކަމާއި، އެފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ބޭނުންވާ އެކިއެކި ޕްރޮގްރާމްތަކާއި ޚިދުމަތްތައް ލިބިގެންދާނެ މަރުކަޒަކަށްވާނެ. އައްޑޫ މިބަލަނީ މިއަހަރު ތެރޭގައި ނޮވެމްބަރަށް ޚިދުމަތްދެވޭ ވަރުވާނެ ކަމަށް." ދިފްލާ ވިދާޅުވިއެވެ.

އިސްރަށްވެހިންގެ ހިޔާތައް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ށ. ފުނަދޫގައި ޤާއިމުކުރާ އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް މިހާރު އަންނަނީ، ތައްޔާރުވަމުންނެވެ. އަދި ކ. ތުލުސްދޫގައި ޤާއިމުކުރާ "އިސްރަށްވެހިންގެ ހިޔާވަހި" މަޝްރޫޢު އެމްޓީސީސީއަށް އެވޯޑްކޮށް، ފަހުމުނާމާގައި ސޮއިކުރުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށްވެސް ދިފްލާ ވިދާޅުވިއެވެ.

މި މަރުކަޒުތަކުގެ މައިގަނޑު މަޤުޞަދަކީ، ދައުލަތުގެ ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން، ޞިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ. މި ތަންތަނުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކިއެކި ޕްރޮގްރާމްތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭނެއެވެ.