ޚަބަރު

ރުއްތަކުން ހުދު ކޫޑި ކޮންޓްރޯލް ކުރަން ތައްޔާރުކުރި ބޭސް ބޭނުންކުރަން ފަށައިފި


  • ހުރިހާ ކައުންސިލްތަކަށް ޕެސްޓިސައިޑު ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށާފައި

  • ޕެސްޓިސައިޑު ފުރަތަމަ ޙަވާލުކުރީ ހއ. ބާރަށު ކައުންސިލާ

ރާއްޖޭގެ ރުއްތަކަށް ކުރިމަތިވެފައިވާ ހުދު ކޫޑީގެ މައްސަލައަށް ހައްލު ހޯދުމަށް ތައްޔާރުކުރި ބޭސް ރުއްތަކަށް ލުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުގެ ރަށްތަކުގައި ހުރި ރުއްތަކުގައި ހުދުކޫޑި އެޅުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ރުއްތަކަށް ލިބެމުންދާ ކަމުގެ ޝަކުވާތައް ވަނީ ފެންމަތިވެފައެވެ. މިކަން ހައްލުކޮށްދިނުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް'ގެ ދަށުން ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ގެނެސްފައިވާ ޔޭޖިއާޗިންގ ޕެސްޓިސައިޑު ޕަކެޓް ބޭނުންކޮށްގެން ހުދުކޫޑި ކޮންޓްރޯލުކުރުމުގެ ތަޖުރިބާތަކެއް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ވަނީ ކޮށްފައެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒަރާއިން ވިދާޅުވީ އެ ތަޖުރިބާތަކުގެ އީޖާބީ ނަތީޖާގެ އަލީގައި ހުދުކޫޑި ކޮންޓްރޯލުކުރުމަށްޓަކައި ހުރިހާ ކައުންސިލްތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މިގޮތުން، ރަށުގައި ހުރި ރުއްތަކުގެ ޢަދަދަށް ބިނާކޮށް ކޮންމެ ކައުންސިލަކަށްވެސް ޕެސްޓިސައިޑު ޕަކެޓް ހަވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ވުޒާރާއިން ވިދާޅުވީ މިޕްރޮގުރާމްގެ ދަށުން ޕެސްޓިސައިޑު ފުރަތަމަ ޙަވާލުކުރީ ހއ. ބާރަށު ކައުންސިލާކަމަށެވެ. އެރަށުގައި ވަނީ ރުއްތަކަށް ޕެސްޓިސައިޑުލުމުގެ ޕްރޮގުރާމް ހިންގާފައެވެ.

މިޕްރޮގުރާމްގެ ދަށުން ހއ. ހދ. ށ. އަތޮޅުތަކުގައި ހިމެނޭ ރަށްތަކުގެ ކައުންސިލްތަކަށް ޕެސްޓިސައިޑު ޙަވާލުކުރުމުގެ ސިޓީތައް ވަނީ ފޮނުވާފައެވެ. އެ ވުޒާރާއިން ވިދާޅުވީ އެ އަތޮޅުތަކުން ޕެސްޓިސައިޑާ ޙަވާލުވާނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުންނެވެ. މިނޫން އަތޮޅުތަކުން ޕެސްޓިސައިޑާ ޙަވާލުވާނީ މާލެއިންކަމަށެވެ.

މީގެއިތުރުން، ހުދުކޫޑީގެ މައްސަލަ ދިމާވެގެން އެކަން ޙައްލުކޮށްދިނުމަށް އެދި ލ.ކަލައިދޫ، ގދ. ފިޔޯރީ، އައްޑޫސިޓީގެ މީދޫއިން އެ ވުޒާރާގައި އެދިފައިވާކަމަށާއި އެރަށްރަށަށްވެސް ޕެސްޓިސައިޑު ޙަވާލުކުރުމުގެ ސިޓީތައް ފޮނުވާފައިވާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. އިތުރު އަތޮޅުތަކަށް ޕެސްޓިސައިޑު ހަވާލުކުރުމަށް ސިޓީތައް ފޮނުވުމުގެ މަސައްކަތް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ ގަސްތަކާއި ރުއްތަކަށް ބަލިޖެހޭ މައްސަލައަކީ ދަނޑުވެރިންގެ އޮތް ދުވަސްވީ ކަންބޮޑުވުމެކެވެ. މިކަން ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރާއްޖޭގައި ރުއްތަކާއި ގަސްތަކަށް ޖެހޭ ބަލިތަކަށް ހައްލު ހޯދުމަށް ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް)ގެ "އެންވަޔަރަންމަންޓް އެންޑް ޕްލާންޓް ޕްރޮޓެކްޝަން ރިސަރޗް އިންސްޓިޓިއުޓް"ގެ ތަޖުރިބާކާރުންގެ ވަފުދެއް، އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގަސްތަކަށްޖެހޭ ތަފާތު ވަތްތަރުގެ ބަލިތައް ތަހުލީލުކޮށް އެއަށްދޭންޖެހޭ ފަރުވާ ދަނޑުވެރިންނާއި ހަމައަށް ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރާއްޖޭގައި ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް މިހާރު ވަނީ ޤާއިމްކޮށްފައެވެ. މި ލެބޯޓަރީ ޚާއްޞަކުރެވިފައިވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ގައުމީ ފެންވަރުގައި ހިންގޭ ދިރާސާތަކާއި، ބަލި ދެނެގަތުމުގެ ވަސީލަތްތަކާއި، ލެބޯޓަރީގެ އިންފްރާސްޓްރަކްޗަރގެ މަދުކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށެވެ. މިކަމުގެ ސަބަބުން ދަނޑުތަކުގެ އުފެއްދުންތެރިކަމާއި، ބަލިތަކާއި ފަނިފަކުސާ ކޮންޓްރޯލް ކުރުމުގެ އިތުރުން ގައުމީ ބަޔޯސެކިއުރިޓީ ވަރުގަދަކޮށްދެއެވެ.

ރުއްތަކަށް ޖެހޭ ބަލިތަކާއި ރުކު މަޑި ކޮންޓްރޯލްކުރުމާއި މީގެ އިތުރުން ގަސްތަކަށް ޖެހޭ ބަލިތައް ތަހުލީކުރުމަށް ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްއާއެކު ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.