ޚަބަރު

ވޭތުވެދިޔަ 3 އަހަރު އެއްވެސް ދިވެއްސަކު ހަނގުރާމަވެރި ސަރަޙައްދަކަށް ނުދޭ: މާރިޔާ


ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، އެއްވެސް ދިވެއްސަކު ހަނގުރާމަވެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދަކަށް ގޮސްފައިވާކަމުގެ އެއްވެސް ރިކޯޑެއް ލިބިފައިނުވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ މިފަދައިން ވިދާޅުވީ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ 5 ވަނަ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިޔާއާއި، ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން، ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ ފްރޭމްވަރކެކެވެ. މިފްރޭމްވަރކް ބިނާވެފައިވަނީ މައިގަނޑު 4 ތަނބެއްގެ މައްޗަށެވެ. އެއީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބަރ ސެކިއުރިޓީ ކަށަވަރުކުރުމެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޮންކްލޭވްގައި އިންޑިޔާ، ސްރީލަންކާ، ރާއްޖެ، މޮރިޝަސް، ބަންގްލަދޭޝް އަދި ސީޝެލްސްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނާއި މަންދޫބުން ބައިވެރިވަޑައިގަންނަވައެވެ.

މި ކޮންކްލޭވް ފެށުމަށް ބޭއްވި ރަސްމިޔާތުގައި މިނިސްޓަރ މާރިޔާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، މިސަރަޙައްދުގެ އަމާންކަމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ވަރުގަދަކުރުމަށް އިސްކަންދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ، މިސަރަޙައްދަށް ކުރިމަތިވެފައިވާ ސަލާމަތީ ގިނަ ގޮންޖެހުންތަކާ ކުރިމަތިލުމަށް، ވަރަށް އެކަށޭނަ ނިޒާމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެ ހިމެނޭ ސަރަޙައްދަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އިންސާނީ ވަގުފާރިއާއި، ކަނޑުފޭރުމާއި، ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވަމުން، މިނިސްޓަރ މާރިޔާވަނީ، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، އެއްވެސް ދިވެއްސަކު، ސަރުކާރުން ހަނގުރާމަވެރި ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދަކަށް ގޮސްފައިވާކަމުގެ އެއްވެސް ރިކޯޑެއް ލިބިފައިނުވާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ޢަމާޒުކޮށް ދިން މެއި 6 ގެ ޓެރަރިސްޓް ޙަމަލާއަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކަލާ މެދު މުޅި ޤައުމު ހޭލައްވައިލި ހާދިސާއެއްކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ، ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއާ އެންމެ ފަހުން ގުޅުނު މޮރިޝަސްއަށް މަރުޙަބާ ވިދާޅުވެފައެވެ. މޮރިޝަސްއާއެކު، މިކޮންކްލޭވްގައި ހިމެނޭ ޤައުމުތަކުގެ ޢަދަދުވަނީ 4 އަށް އިތުރުވެފައެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ރާއްޖެއިން ބައިވެރިވެވަޑައިގަންނަވާ ވަފްދުގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ހިމެނެއެވެ. އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްއާޢީ މޯލްޑިވްސް ޕޮލިސް ސަރވިސްޢަޢީ ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްވެސް ބައިވެރިވެއެވެ. މީގެއިތުރަށް މޯލްޑިވްސް އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.