ޚަބަރު

ކޯވިޑަށް މިއަދު ޕޮޒިޓިވްވީ 273 މީހުން


ރާއްޖެއިން އިތުރު 273 މީހުން ކޯވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއީ ކޯވިޑްގެ ކޭސްތައް އެންމެފަހުން އިތުރުވާން ފެށި ފަހުން އެންމެ މަދުން ކޭސްތައް ރިޕޯޓްކުރި ދުވަހެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 273 މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. އެއީ 225 މީހުންނެވެ. މާލެއިން ޕޮޒިޓިވްވެފައި ވަނީ 26 މީހުންނެވެ. މީގެއިތުރުން ރިސޯޓުތަކުން 14 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 173337 އަށް އަރާފައެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދުވެސް ދަނީ ދަށްވަމުންނެވެ. މިވަގުތު 14383 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 9 މީހުންނެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 410 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 158644 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 1898 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

މުޅި ރާއްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.