ޚަބަރު

ހުޅުމާލޭގައި އަލަށް ހެދި ކޯވިޑް ފެސިލިޓީ ހުޅުވައިފި


ކޯވިޑް-19ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި އަލަށް ހެދި ކޯވިޑް ފެސިލިޓީ ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ.

މިގޮތުން ހުޅުމާލޭގައި ހެދި "އިންފެކްޝަސް ޑިސީސަސް މެނޭޖްމަންޓް ސެންޓަރު"ގައި ޖުމުލަ 272 އެނދާއި 44 އިސީޔޫ އެދު ހުންނާނެކަމަށް ހެލެތު މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރަށް މި ސެންޓަރުން އެމަޖެންސީކޮށް ބަލިމީހުނަށް ފަރުވާދިނުމާއި އެތަނުގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންނަށްވެސް ފަރުވާ ދެމުން ގެންދާނެއެވެ.

މާލެ ސަރަޙައްދުގައި ކޯވިޑަށް ފަރުވާ ދިނުމަށް ދާއިމީ ފެސިލިޓީއެއް ޤާއިމުކުރުމަށް ސަރުކާރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްފައިވަނީ 2021ވަނަ އަހަރުގައެވެ. އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ޢިމާރާތުގެ ސްޓްރަކްޗަރ ބަދަލުކޮށް ހެލްތު މިނިސްޓްރީއާ ޙަވާލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހުއެވެ.

ހުޅުމާލޭގެ އާ ކޯވިޑް ފެސިލިޓީއަކީ 3 ފަންގިފިލާއަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. ޢިމާރާތް ޑިޒަންކޮށްފައިވަނީ އޮކްސިޖަން ސިލިންޑަރުތައް އުފުލަން ނުޖެހޭ ގޮތަށް ހޮޅި އަޅާގޮތަށެވެ. ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީކޮށްފައިވާ މިފެސިލިޓީއަކީ ރާއްޖޭގައި ކޯވިޑްގެ އިތުރު ރާޅެއް އައިނަމަވެސް ފަރުވާދެވޭނެ ކެޕޭސިޓީއާއެކު ހަދާފައިވާ ފެސިލިޓީއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ފަރުވާދޭންޖެހޭ މީހުން އެޑްމިޓްކުރުމަށް ހުޅުމާލޭގައިވަނީ ވަގުތީގޮތުން ފެސިލިޓީއެއް ޤާއިމުކޮށްފައެވެ. 290 އެނދުގެ މިފެސިލިޓީގައި އައިސީޔޫއަކާއި ހޮސްޕިޓަލް އޭރިއާއަކާއި މީހުން އައިސޮލޭޓް ކުރެވޭނެ ސަރަޙައްދެއް ވަނީ ޤާއިމުކޮށްފައެވެ. އެހެންނަމަވެސް ކޭސްތައް އިތުރުވެ، ފަހުންވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ އެއްބައިވެސް ވަނީ ކޯވިޑަށް ޚާއްސަކޮށްފައެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި 120 އެނދުވަނީ ކޯވިޑަށް ޚާއްސަކޮށްފައެވެ. ނަމަވެސް އަލަށް ހުޅުވި ސެންޓަރާއެކު ކޯވިޑް ޖެހޭ ބަލި މީހުންނަށް ދާއިމީ ގޮތެއްގައި ފަރުވާ ދިނުމަށް ފަސޭހަވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.

ރާއްޖޭގައި މިހާރު ކޯވިޑް ޖެހޭ މީހުންގެ އަދަދު ވަނީ މަދުވާން ފަށާފައެވެ. މިގޮތުން މިހާރު ބަލި ޖެހޭމީހުން އާއްމުގޮތެއްގައި 400އިން ދަށަށް ވަނީ ދާން ފަށާފައެވެ. އަދި މިވަގުތު 14،520 މީހުންނަށް ފަރުވާ ދެމުން އަންނައިރު މީގެ ތެރެއިން 8 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.