ޚަބަރު

ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް އެފް.ސީ.އެސް.ސީގެ ދައުރު ބޮޑު - މިނިސްޓަރ


"ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން" ލާމަރުކަޒީ އުސޫލަކުން ތަންފީޒުކުރުމަށް ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު ތަކުގެ ދައުރު ބޮޑުކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެފް.ސީ.އެސް.ސީ ތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މިމަހުގެ 3އިން ފެށިގެން 5ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޛުކުރުން އަވަސް ކުރުމަށްޓަކައި އެފް.ސީ.އެސް.ސީތަކުގެ މުވައްޒަފުންނަށް ފަންނީ މަޢުލޫމާތު ދިނުމާއި މި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އަތޮޅު އަދި ރަށު ފެންވަރުގައި ކުރިއަށް ގެންދެވޭނެ ޙަރަކާތްތައް ރޭވުމަށްޓަކައި މަޢުލޫމާތުދިނުމެވެ.

މިތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި އެމިނިސްޓްރީގެ މަސައްކަތްތައް ލާމަރުކަޒުކުރުމަށް ކުރާ މަސައްކަތުގައި އެފް.ސީ.އެސް.ސީ ތަކުގައި، އަތޮޅުތަކުގައި ތިބޭ މުވައްޒަފުން ޚާއްސަކޮށް އެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މުވައްޒަފުންގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވިއެވެ.

އަދި، އެފް.ސީ.އެސް.ސީ ތަކުގެ ހުރިހާ މުވައްޒަފުން އިތުރަށް، ޖެންޑަރ ސެންސިޓައިޒޭޝަން ސެޝަންތައް ކުރިއަށް ގެންގޮސް، މިންތީގެ ނަޒައްރިއްޔާތަކުން އިތުރަށް ވިސްނައި މަސައްކަތްކުރުމަށް ބާރުއެޅުން މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ލާމަރުކަޒީ އުސޫލަކުން ތަންފީޒުކުރުމަށް އެފް.ސީ.އެސް.ސީތަކުގެ ދައުރު ވަރަށްބޮޑުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއެކު މަސައްކަތްކުރުމުގައި އެފް.ސީ.އެސް.ސީތަކުން ވިލަރެސްކޮށް މަސައްކަތްކުރުން މުހިންމުކަންވެސް މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ފާހަގަކުރެއްވިއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ އެފް.ސީ.އެސް.ސީތަކުން 33 މުވައްޒަފުން ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި އެކްޒެކެޓިވް ޑިރެކްޓަރުން، އެސިސްޓަންޓް ޑިރެކްޓަރުން އަދި ފަންނީ މުވައްޒަފުންވެސް ހިމެނެއެވެ.

މި ތަމްރީން ޕްރޮގްރާމުގައި ޙިއްސާކޮށްފައިވާ މަޢުލޫމާތުގެމައްޗަށް ބިނާކޮށް އެފް.ސީ.އެސް.ސީތަކުގެ މުވައްޒަފުން މި މާރިޗު މަހުގެ ނިޔަލަށް އަތޮޅުތަކުގެ ފެންވަރުގައާއި ރަށު ފެންވަރުގައި ފަންނީ މަޢުލޫމާތު ދިނުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.