ޚަބަރު

އިތުރު 1271 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި


ރާއްޖެއިން އިތުރު 1271 މީހުން ވެކްސިންގެ 3ވަނަ ޑޯޒް ފުރިހަމަކޮށްފިއެވެ. ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 138،000 އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހު ވެކްސިންގެ ބޫސްޓަރ ޑޯޒް 1271 މީހަކު ޖަހާފައިވެއެވެ. އޭގެތެރޭގައި މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 320 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 951 މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު މިހާރު ވަނީ 138،373 އަށް އަރާފައެވެ.

މީގެއިތުރުން 37 މީހުން ވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒްވެސް ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ފުރިހަމަކުރި 24 މީހުންނާއި، އަތޮޅުތަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 13 މީހަކު ހިމެނެއެވެ. އަލަށް ވެކްސިން ފުރިހަމަކުރި މީހުންނާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 371،261 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް13 މީހަކު ވަނީ ޖަހާފައެވެ. މީގެތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 4 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 9 މީހުން ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 398،275 އަށް އަރާފައެވެ.

ކޯވިޑް-19 ވެކްސިން ފުރިހަމަވެފައިވާކަމަށް ބަލާނީ، ކޯވިޑްގެ ދެ ވެކްސިނާއެކު ބޫސްޓާ ޑޯޒް ވެސް ފުރިހަމަކޮށްފައިވުމުންކަމަށް ހެލްތު އެޗްޕީއޭއިންވަނީ އަންގާފައެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުތަކަށް ގެނެވުނު ބަދަލާއިއެކު، ވެކްސިން ފުރިހަމަ ކޮށްފައިވާކަމަށް ބަލާނީ ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނެވެ. އަދި ދެ ޑޯޒް ޖެހުމަށްފަހު 8 މަސް ދުވަސް ނުވާ މީހުންނެވެ.