ވިޔަފާރި

އަމާޒަކީ ޝިޕިންގ ކުންފުނީގެ ވިޔަފާރި ފުޅާކޮށް ރާއްޖެއިން ބޭރަށް ގެންދިއުން: އަމްރު


އެސްޓީއޯގެ އަމާޒަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ވިޔަފާރި ރާއްޖެއިން ބޭރަށް ފުޅާކުރުންކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން އެންމެ ފަހުން ވަދެފައިވާ ވިޔަފާރިއަކީ ޝިޕިންގ ވިޔަފާރިއެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ދަނީ ތަފާތު ވިޔަފާރިތަކަށް ވަދެ ވިޔަފާރިތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، އެސްޓީއޯގެ އަމާޒު މިހާރު ހުރީ ރާއްޖޭގައި އާންމުކޮށް ނުކުރާ ވިޔަފާރީގެ ތެރެއަށްވަދެ އާންމުކޮށް މީހުން ކުރަމުން އަންނަ ވިޔަފާރިތައް ޕްރައިވެޓް ސެކްޓަރއަށް ދޫކޮށްލުން ކަމަށެވެ. އެގޮތުން އެސްޓީއޯގެ ސްޕަރމާކެޓުން މީހާރު އާންމު ވިޔަފާރިތަކަށް ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލަމުން އަންނަކަމަށެވެ.

އައު ވިޔަފާރިތަކަށް ވަނުމަށް އެސްޓީއޯއިން ކުރާ މަސައްކަތުގެ ދަށުން އެ ކުންފުނިން އެންމެ ފަހުން ވަދެފައިވަނީ ޝިޕިންގެ ވިޔަފާރިއަށެވެ. އެގޮތުން މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ނަމުގައި ކުންފުންޏެއް ވަނީ އުފައްދާފައެވެ. އަމްރު ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކުންފުނި މިހާރު ފައިދާވަމުން އަންނަ ކުންފުންޏަކަށް ހެދިފައިވާކަމަށެވެ. ކުންފުނި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުންފުންޏަށް ގެނެވޭ އެންމެ ބޮޑު ބޯޓު އަންނަ މަސްތެރޭގައި ރާއްޖެ ގެނެވޭނެކަމަށެވެ.

"އަޅުގަނޑުމެން ކުރި އެއްކަމަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ނަމުގައި ކާގޯ ޝިޕިން ލައިނެއް މި ތައާރަފްކުރީ. އެ ކުންފުންޏަކީ ވަރަށް ވަރުގަދައަށް ފައިދާވެސް ވަމުން އަންނަ ކުންފުންޏެއް. އަޅުގަނޑުމެން އެންމެ ލަސްވެގެން މިއަންނަ މަސްތެރޭގައި އަންނާނެ ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު ބޯޓު. 45000 ޓަނުގެ ބޯޓެއް އަންނާނެ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ކޮންސްޓްރަކްޝަން މެޓީރިއަލްސްވެސް ރަނގަޅު އަގުތަކެއްގައި ހިފެހެއްޓިގެންދާނެ. އަދި އޭގެ އިތުރުންވެސް އަޅުގަނޑުމެން އިތުރު ކޮންޓެއިނަރ ޝިޕެއް އެބަ ގަންނަން. ވަރަށް ބާރު ސްޕީޑެއްގައި އެމްއެސްއެސް ފުޅާކުރަމުން މިދަނީ. އަޅުގަނޑުމެންގެ މަޤްސަދަކީ ރާއްޖެއިން ބޭރުވާ ބޭރުފައިސާ މަދުކުރުން." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެސްޓީއޯގެ ޝިޕިން ލައިންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓި ޝިޕިންގެ އަގުތައްވެސް ބޮޑުނުވެ ބެހެއްޓޭނެކަމަށެވެ. އަމްރު ވިދާޅުވީ، އެމްއެސްއެސްގެ ޚިދުމަތް މާލެއާއި ކޮލަންބޯއާއި ދެމެދު ދެމުންދާތީ ޝިޕިންގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށެވެ. އެމްއެސްއެސްގެ ޚިދުމަތް ބާރު ސްޕީޑްގައި ފުޅާކުރަމުންދަނީ ރާއްޖެއިން ބޭރުގައިވެސް މި ވިޔަފާރި ފުޅާކުރަން ބޭނުންވާތީކަމަށެވެ.

"މިހާރުވެސް ކޮލަންބޯއާއި މާލެއާއި ދެމެދުގައި މިކަން ކުރާތީ ކޮލަންބޯއާއި މާލެއާއި ދޭތެރޭގައި ޕެންޑަމިންގެ ކުރީގަވެސް ހުރި އަގުތަކުގައި މިހާރުވެސް އެހުރީ. އެކަމަކު ދުނިޔޭގެ އެހެން ތަންތަނުގައި އިންޓަނޭޝަނަލް ޕްރައިޓް މިހާރު 3 ގުނަ ބޮޑުވެއްޖެ. އެހެންވީމަ އަޅުގަނޑުމެން މިއަށް ނުވަތްނަމަ ކޮލަންބޯ މާލެ ދޭތެރެވެސް އޮންނާނީ 3 ގުނަ ބޮޑުވެފައި. އޭގެއިތުރުން އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެއިން ބޭރުގައިވެސް މި ވިޔަފާރި ފުޅާކުރަން. އެހެންވީމަ މިހާ ބާރު ސްޕީޑެއްގައި އަޅުގަނޑުމެން މިގެންދަނީ. ރާއްޖެއަށް ނައިސްވެސް އަޅުގަނޑުމެން ބޭނުންވޭ ޝިޕިންލައިން އޮޕަރޭޓްކުރަން" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯގެ އަމިއްލަ ޝިޕިންގލައިނަކާއެކު ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް އެކުންފުނިން ލަފާކުރެއެވެ. މީގެ އިތުރުން ނުއަގުގައި ބޭރުގެ އާގުބޯޓުތައް ބޭނުންކޮށްގެން ރާއްޖެއަށް މުދާ ގެނައުމުގައި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވެގެންދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.