ޚަބަރު

ހުރާގެ 17 އަހަރުވީ ނަރުދަމާ ނިޒާމުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފަށައިފި


ކ. ހުރާގެ ރައްޔިތުންނަށް ޒަމާންތަކެއް ވަންދެން ތަކުލީފަކަށް ވެފައި އޮތް ނަރުދަމާ ނިޒާމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.

އެ ކޯޕަރޭޝަންގެ އަމާޒަކީ ހުރިހާގައި މީގެ 17 އަހަރު ކުރިން އަޅާފައި އޮތް ނަރުދަމާ ނިޒާމް އެއްކޮށް ބަދަލުކޮށް ރައްޔިތުންނަށް މިހާރު ލިބެމުން އަންނަ ތަކުލީފުތަކަށް ވީހާވެސް އަވަހަކަށް ނިމުން ގެނެސްދިނުމެވެ.

ހުރާގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެރަށުގައި އެންމެ ޒަމާންވީ ނަރުދަމާ ނިޒާމެއް ނެތުމާއި މިހާރު އޮތްނަނަ ނަރުދަމާ ނިޒާމުން އެތަކެއް އުނދަގުލެއްވުމެވެ. މީގެ 17 އަހަރު ކުރިން އެރަށުގައި އަޅާފައި އޮތް ނަރުދަމާ ނިޒާމްގެ ސަބަބުން ރައްޔިތުންނަށް އަންނަނީ އެތަކެއް އުނދަގޫތަކާ ކުރިމަތިލަމުންނެވެ. މިގޮތުން އެ ރަށު ސިއްހީ މަރުކަޒުގެ ކުރިމަތިގައި ހުންނަ ނަރުދަމާ ނިޒާމްގެ ޕަމްޕް ސްޓޭޝަނުން ނުބައިވަސް ދުވުމާއި ވިއްސާރަވެ ވާރޭވެހިއްއްޖެނަމަ ޖަންކްޝަން ފުރިގެން ބަންޑުންވެ މަގުތަކަށް ނަޖިސް ބޭރުވުމަކީ ރައްޔިތުންނށް ދިމާވާ އުނދަގުލެކެވެ. މި މައްސަލައައް ހައްލެއް ހޯދައިދިނުމަށްޓަކައި ފެނަކައިން ވަނީ މައްސަލަ ދިރާސާކޮށް ޙައްލުކުރުމުގެ މަސައްކަތް ފަށާފައެވެ.

ހުރާގެ ނަރުދަމާ ނިޒާމް ޒަމާނާ އެއްގޮތަށް ބަދަލުކުރުމަށްޓަކައި ކުރާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފެނަކައިން ވިދާޅުވީ މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ކުރުމަށް ހަމަޖެހިފައިވަނީ ސިއްހީ މަރުކަޒު ކުރިމަތީގައި ހުންނަ މެއިން ޕަމްޕް ސްޓޭޝަން އެސަރަހައްދުން ނެގުން ކަމަށެވެ. މިގޮތުން މިހަފްތާ ނިމުމުގެ ކުރިން މެއިން ޕަމްޕް ސްޓޭޝަން މިހާރު ހުރި ތަނުން ނަގާނެކަމަށާއި ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް އުފުލަމުން އައި ތަކުލީފުތަކަށް ނިމުން އަންނާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

އަދި ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަށްފަހު ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ. މިގޮތުން ދެވަނަ ފިޔަވަހީގައި އަލުން ގެތަކަށް ނަރުދަމާ ނިޒާމް ގުޅުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. އަދި މަގުމަތީގައި ބަހައްޓަންޖެހޭ އެއްޗެހި ބެހެއްޓުމާއި ނެޓްވޯކް ސާފުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ. މީގެ އިތުރުން ތިންވަނަ ފިޔަވަހީގައި އެންމެ ކުރިން އަޅާފައިވާ ނަރުދަމާ ނިޒާމްގެ ޕަމްޕް ސްޓޭޝަން ތައް ނެގުމަށްފަހު ޒަމާނީ ޕަމްޕް ސްޓެޝަންއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނެއެވެ.

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މި މަސައްކަތަށް 10 މިލިޔަނަށް ވުރެ ގިނަ ރުފިޔަ ޚަރަދުވާނެކަމަށް އަންދާޒާ ކުރެވޭކަމަށެވެ. ހުރާގައި ފުރަތަމަ ނަރުދަމާ ނިޒާމެއް އަޅާފައިވަނީ މީގެ 17 އަހަރުކުރިންނެވެ. އަދި 2016ވަނަ އހަރުގައިވެސް ނަރުދާމާއެއް އަޅާފައިވެއެވެ. އަޕްގްރޭޑް ކުރާ ނަރުދަމާ ނިޒާމާއެކު ރައްޔިތުންނަށް އެތައްގޮތަކުން ފަސޭހަވެގެންދާނެކަމަށް އެކޯޕަރޭޝަނުން ދެކެއެވެ.

ހުރާގައި ހިންގަމުން އައި އަމިއްލަ އިންޖީނުގެއާއި ފެނާއި ނަރުދަމާގެ ނިޒާމު ހިންގަން މިހާރު ވަނީ ފެނަކައާ ހަވާލުކޮށްފައެވެ. ނަރުދަމާ ނިޒާމު ތަރައްޤީކުރުމުގެ 10 މިލިއަން ރުފިޔާގެ މަޝްރޫޢުއަކާއި، ފެން އުފައްދާ ނިޒާމު ޤާއިމުކޮށް ފެން ރައްކާކުރާ ކެޕޭސިޓީ އިތުރުކުރުމަށް 21 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް އެރަށުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.