ދިވެހިރާއްޖޭގައި މިހާތަނަށް އޭވިއޭޝަން ދާއިރާއިން ބާއްވާ އެއަރޕޯޓްގެ އެންމެ ބޮޑު އިމަރޖެންސީ އެކްސަސައިޒް މިމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އޭވިއޭޝަން ދާއިރާއިން ބާއްވާ މި އެކްސަސައިޒްއަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ގުޅިގެން ކުރިއަށްގެންދާ އެކްސަސައިޒެކެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި އިވެންޓަކީ އެއަރޕޯޓްގެ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ސަލާމަތީ ކަންކަމާއި ގުޅިގެން ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދެވޭ ޙާއްސަ އެކްސަސައިޒެއްކަމަށެވެ. އެގޮތުން މި އިވެންޓްގެ އެއަރލައިން ޕާޓްނަރެއްގެ ގޮތުގައި އެމިރޭޓްސް ބައިވެރިވާނެކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި މިއީ އެއަރލައިނަކުން މިފަދަ އިވެންޓެއްގައި ބައިވެރިވާ ފުރަތަމަ ފަހަރުކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި މި އިވެންޓް ކުރިއަށްދާ ވަގުތު އެއަރޕޯޓްގެ ސީ ޕްލޭން ރަންވޭ ފިޔަވައި ދެން ހުރި ރަންވޭތަކުގެ އޮޕަރޭޝަން މަސައްކަތްތައް ދެ ގަޑިއިރަށް މެދުކެނޑިގެން ދާނެކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ. އެހެންނަމަވެސް އެ ވަގުތުތަކުގައި ޗެކިން ކުރުންފަދަ ޙިދުމަތްތައް ކުރިއަށްދާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
މި އެކްސަސައިޒްގައި 29 އެޖެންސީއަކުން 400 ވޮލުންޓިއަރުން ބައިވެރިވާނެއެވެ. އެގޮތުން މޯލްޑިވްސް ގާލް ގައިޑް، ސްކައުޓް އަދި ކެޑޭޓް ފަދަ އެސޯސިއޭޝަންތަކުން ބައިވެރިވާނެއެވެ. މީގެ އިތުރުން ގްރޭޓަރ މާލެ އޭރިޔާއިން 5 ހޮސްޕިޓަލަކުން މި އިވެންޓަގައި ބައިވެރިވާނެއެވެ. އޭގެތެރޭގައި އައިޖީއެމްއެޗް، އޭޑީކޭ، ސެނެހިޔާ މެޑިކަލް ހޮސްޕިޓަލް އަދި ޓްރީ ޓޮޕްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް ހިމެނެއެވެ.
މި އިވެންޓް ކުރިއަށް ދާނީ މިމަހުގެ 16 ވާ ބުދަ ދުވަހުގެ ހަވީރު 16:00އިން ފެށިގެން ރޭގަނޑު 20:00އާ ހަމައަށެވެ.