ވިޔަފާރި

ކޮނޑޭ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރިއާ ދެމެދު އެއްބަސްވުމެއް!


ފަތުރުވެރިކަމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭގޮތުން ކޮނޑޭ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އަދި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު އަބްދުލް ހަކީމްއެވެ.

މި އެއްބަސްވުމަކީ ކޮނޑޭ ކައުންސިލްގެ އެދުމުގެ މަތިން ފަތުރުވެރިކަން ތަރައްޤީކުރުމަށް އެރަށުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ބިންތަކުގެ އިދާރީ މަސައްކަތްތަކާއި ޓެކްނިކަލް އެހީތެރިކަން ކައުންސިލަށް މިނިސްޓްރީގެ ފަރާތުން ދިނުމާބެހޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ކޮނޑޭ ކައުންސިލްގެ ރައީސް އަޙްމަދު އަބްދުލް ހަކީމް ވިދާޅުވީ، މިއީ މި ދައުރު ފެށުނީއްސުރެ ކައުންސިލުން ކުރަމުންދިޔަ މަސައްކަތަކަށް ނިމުން އައި ދުވަސްކަމަށެވެ. މި އެމްއޯޔޫއަކީ ކޮނޑޭ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ޓޫރިޒަމް ބިންތައް ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްގެން ކުއްޔަށް ދިނުމަށް ވެވުނު އެއްބަސްވުމެއްކަމަށާއި އަދި ކައުންސިލާއި މިނިސްޓްރީއާއި ގުޅިގެން މިކަމުގެ ނަތީޖާ ނެރެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ވަރަށް ދުރުރާސްތާ ޕްލޭނެއް އަޅުގަނޑުމެން ކައުންސިލުން މި ދައުރު ފެށުނީއްސުރެ މަސައްކަތްކުރަމުންދިޔަ މަސައްކަތެއް މިއޮތީ ނިމުމަކަށް އައިއްސަ. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް މި މަސައްކަތް ފެށިގެންގޮސް މީގެ ނަފާ ޓޫރިޒަމް ސެކްޓަރގައި މަސައްކަތްކުރާ ކޮނޑޭ ރައްޔިތުންނާއި އަދި ރާއްޖެއިން އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް ހުޅުވިގެންދާނެ." ކޮނޑޭ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އާތިފް ވިދާޅުވީ، މިކަމުން ހާމަވެގެންދަނީ ކޮނޑޭ ކައުންސިލުން އެރަށުގައި ފަތުރުވެރިކަން ތަރައްޤީކުރަން ބޭނުންވާ މިންވަރުކަމަށެވެ. އަދި މިކަމުގައި ޓޫރިޒަމް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ޓޫރިޒަމް މިނިސްޓްރީންވެސް މިތިބީ ކައުންސިލްތަކުން ބޭނުންވާ މިފަދަ ކޮންމެ އެއްބާރުލުމެއް ދީގެން ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ހަމަ ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރަން ހަމަ. އެގޮތުން އަޅުގަނޑު ގަބޫލުކުރަނީ މިއަދަކީ އެގޮތައް އެޅުނު އިތުރު ފިޔަވަޅެއް ކަމަށް. ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން ހަމަ އިރާދަކުރެއްވިއްޔާ ހަމަ ޓޫރިޒަމް މިނިސްޓްރީން މިކަހަލަ ކޮންމެ ކަމެއްގައި ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ." އާތިފް ވިދާޅުވިއެވެ.

ކޮނޑޭގައި ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައެވެ. ކޮނޑޭގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިކަމުގައި ކައުންސިލަށް އެ ފަރާތްތަކަށް ދެވެންއޮތް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ކައުންސިލުން ބުނެއެވެ.