ޓްއަރިޒަމް މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް ފުރައްސާރަކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ މިނިސްޓްރީގެ ކުރީގެ ވަޒީރު އަލީ ވަހީދު ހޯދުމަށް ހައްޔަރު ކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.
ބޭސްފަރުވާއަށްކަމަށް ވިދާޅުވެ މިިދިޔަ އަހަރުގެ ފެބްރިއަރީ މަހުގެ 21 ވަނަދުވަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ އޭނާގެ މައްޗަށް ދައުލަތުން 7 ދައުވާއެއް އުފުލާފައިވަނިކޮށެވެ. އަދި ރާއްޖެ ވަޑައި ނުގެން އިނގިރޭސި ވިލާތުގައި ހުންނަވާތަ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވަފައެވެ.
ފުލުހުން ވިދާޅުވީ އަލީ ވަހީދު ހައްޔަރު ކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރުމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލ އޮފީހާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް ހާޒިރުވުމަށް އެންގުމުން އެކަން ކުރައްވާފައެއް ނުވެއެވެ. އަދި އެ މައްސަލަ ސުޕްރީމްކޯޓަށް ހުށައެޅުމުން އެކޯޓުގެ ޝަރީއަތަށްވެސް އޭނާ ހާޒިރުވެޑައިނުގަތުމުން ދެ މަހަށް އަލީ ވަހީދު ޖަލަށްލާންވެސް ސުޕްރީމްކޯޓުން ހުކުމްކުރިއެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު ކްރިމިނަލްކޯޓުން ވަނީ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް އަންގާ ފުލހުންގެ މައްޗަށް އަމުރެއް ނެރެފައެވެ.
އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް މުއްދަތެއް ނެތްގޮތަށް ކޯޓުން ޕާސްޕޯޓް ދޫކޮށްލީ އެ މައްސަލާގައި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ ޖާމިނުވުމުންނެވެ. އަސްހަދު ޖާމިނުވެފައިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ވަޑައިނުގެންފިނަމަ ޒިންމާ އަސްހަދު ނަގާ ގޮތަށެވެ. އަލީ ވަހީދު ރާއްޖެ ވަޑައިނުގަތުމާއި އަސްހަދު 15 ދުވަހަށް ޖަލަށްލުމަށްވެސް ކޯޓުން ހުކުމްކުރިއެވެ.
އަލީ ވަހީދިގެ މައްޗަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ. މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 20 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އަންނާނެއެވެ.