ޚަބަރު

ޔޫކްރެއިންގައި ތިބި ހުރިހާ ދިވެހިން ސަލާމަތްކޮށް އެޤައުމުން ނެރެފި


ޔޫކްރެއިންގައި ތިބި ހުރިހާ ދިވެހިން ސަލާމަތްކޮށް ސަރުކާރުގެ އެހީތެރިކަމާއެކު އެގައުމުން ނެރެފިއެވެ. ރަޝިއާއި ޔޫކްރެއިންގެ މަޝްރަޙް ގޯސްވެ ހަނގުރާމަ ފެށި އިރު ޔޫކްރެއިންގައި 50 ދިވެހިން ތިއްބެވެ.

ޔުކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން އެންމެ ފަހުން ތިބީ ޚަރްކީވްގައި ތިބި 5 ދިވެހި ދަރިވަރުންނާއި، އެސިޓީގައި ތިބި 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ދިވެހި އާއިލާގެ އިތުރުން ނިޕްރޯ ގައި ހުރި ދަރިވަރެކެވެ.

އިއްޔެ މެންދުރު މި ހުރިހާ ދިވެހިންވެސް ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ ލިވީވަށް ދަތުރުކޮށް، ރޭގެ ދަންވަރުގެ ވަގުތެއްގައި ބޯޑަރު ހުރަސްކޮށް، ހަންގޭރީއަށް ވަނީ އެތެރެވެފައެވެ. މި ހުރިހާ ދަރިވަރުން ބޯޑަރު ހުރަސްކުރުމުގެ ކުރިން ވިސާއާއި އެހެނިހެން އިންތިޒާމް ދިވެހި ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ހަންގޭރީގެ ޚާރިޖީ ވަޒީރާއި ފޯނުން ގުޅުއްވައި، އަދި ނިއުޔޯކްގައި ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް ފަސޭހަ އިންތިޒާމެއްގެ ދަށުން ހަންގޭރީއަށް އެތެރެވެވޭނެ މަގު ވަނީ ފަހިކޮށްދެއްވާފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ހަންގޭރީއަށް އެތެރެވުމުން އެ މިނިސްޓްރީގެ ޓީމްގެ ބެލުމުގެ ދަށުން ދަރިވަރުން ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކޮށްފައިވާކަމަށެވެ. އަދި އެ ދަރިވަރުން މާލެއަށް އައުމަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ޔޫކްރެއިންގައި ތިބި ދަރިވަރުން ދެއްކި ހިތްވަރަށް މިނިސްޓަރ ޝާހިދު ވަނީ ތައުރީފްކުރައްވާފައެވެ. އަދި ދަރިވަރުން ޔޫކްރެއިންގެ ޚަރްކީވްގައި ތިބި އިރުވެސް ދަރިވަރުންނަށް ފޯނުން ގުޅުއްވައި، ދަރިވަރުންގެ ޙާލު ބައްލަވައި، އެދަރިވަރުންނަށް މިނިސްޓަރ ޝާހިދު ވަނީ ހިއްވަރު ދެއްވާފައެވެ.

ރަޝިއާއި ޔޫކްރެއިންގެ މަޝްރަޙް ގޯސްވެ ހަނގުރާމަ ފެށި އިރު ޔޫކްރެއިންގައި 50 ދިވެހިން ތިއްބެވެ. އޭގެ ތެރެއިން 35 ދަރިވަރުން އުޅެމުންދިޔައީ ހަނގުރާމައެއް ފަށައިފިނަމަ އޭގެ ނުރައްކާ އެންމެބޮޑު ސަރަޙައްދުގައެވެ. އެއީ ޔޫކްރެއިންގެ ޚަރްކިވް ސަރަޙައްދެވެ. އެއީ ރަޝިޔާގެ ބޯޑަރާ، އެންމެ ކައިރި ހިސާބެވެ. އެހެންނަމަވެސް ދަރިވަރުން ރައްކާތެރި ހިސާބުތަށް ގެންދިޔުމަށާއި ރާއްޖެ ގެނައުމަށްޓަކައި ސަރުކާރުން ގެންދެވީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ފައިސާގެ އެހީތެރިކަމުގެ އިތުރަށް އެހެނިހެން އެހީތެރިކަންވެސް ވަނީ ފޯރުކޮށްދީފައެވެ.