ޚަބަރު

ދިއްދޫގައި 75 ހައުސިން ޔުނިޓް އަޅާދޭނެ ބަޔަކު ހޯދަނީ


ޑިޒައިން އެންޑް ބިލްޑް އުޞޫލުން ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް އަޅާދޭނެ ބަޔަކު ހޯދުމަށް ހުޅުވާލައިފިއެވެ.

ދިއްދޫގެ 75 ހައުސިން ޔުނިޓްގެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 380،000 ރުފިޔާ ހުށައަޅަން ޖެހެއެވެ. އަދި ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގައެވެ. ސަރުކާރުން މީގެ ކުރިންވެސް ދިއްދޫގައި ވަނީ 250 ހައުސިން ޔުނިޓް އަޅާދީފައެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ރަށްތަކާއި، އަދި ބިމުގެ ޖާގައިގެ ދަތިވެ ގެވަޅު ދިނުމަށް ދަތިވެފައިވާ ރަށްތަކުގައި ސަރުކާރުގެ އެހީގައި ހައުސިން މަޝްރޫޢުތައް އަންނަނީ ކުރިއަށްގެންދަމުންނެވެ. މިވަގުތުވެސް އަތޮޅުތަކުގެ 6 ރަށެއްގައި ފްލެޓާއި ރޯހައުސް ތަރައްޤީކުރުމުގެ މަޝްރޫޢުތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް ވަނީ 7 ރަށެއްގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫޢުއެއް އިއުލާންކޮށް، ޢަމަލީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލާފައެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގައި 400 ހައުސިން ޔުނިޓް، ލ.ގަމުގައި 100 ރޯހައުސް، ށ.މިލަންދޫގައި 50 ހައުސިން ޔުނިޓް، ގއ.ވިލިނގިލީގައި 50 ހައުސިން ޔުނިޓް އަދި ނ.ހޮޅުދޫގައި 30 ހައުސިން ޔުނިޓްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށްވެސް ވަނީ އިޢުލާންކޮށްފައެވެ. މީގެ އިތުރަށް ޅ.ހިންނަވަރުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓާއި، މަނަދޫގައި 40 ހައުސިން ޔުނިޓް އަޅާދޭނެ ބަޔަކު ހޯދުމަށް ވަނީ އިޢުލާން ކޮށްފައެެ.

އަތޮޅުތަކުގެ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މިވަގުތުވެސް، 2000އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ މަސައްކަތްތައް އެކި މަރުޚަލާތަކުގައި އަތޮޅުތަކުގައި ކުރިއަށްގެންދެއެވެ.