ކުޅިވަރު

ކުލަބް މޯލްޑިވްސްގެ ޕްލެޓިނަމް ސްޕޮންސަރަކަށް މައިލޯ


އޮފީސް ކުންފުނިތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ފޯރިގަދަ ފުޓްސެލް މުބާރާތްކަމަށްވާ ކްލަބް މޯލްޑިވްސްގެ ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި މައިލޯއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ސޮއިކުރީ ހުޅުމާލޭ ޗާކޯލް ރެސްޓޯރެންޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރީ ވައިސް ޗެއާމަން އިބްރާހިމް އަޝްރަފެވެ. އަދި މައިލޯގެ ފަރާތުން ސޮއިކުރީ ނެސްލޭ ލަންކާ ކުންފުނީގެ ސީނިއާ މެނޭޖަރެއް ކަމަށްވާ ޗަމިންދަ ވިތާނާއެވެ. މައިލޯއިން އަންނަނީ ގިނަ އަހަރުތަކެއް ވަންދެން ކުލަބް މޯލްޑިވްސްގެ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވަމުންނެވެ.

ކުލަބް މޯލްޑިވްސްގެ ޕްލެޓިނަމް ސްޕޮންސަރުންގެ ގޮތުގައި ހަތަރު ސްޕޮންސަރުން ހަމަޖައްސާނެއެވެ. އެގޮތުން ފުރަތަމަ ޕްލެޓިނަމް ސްޕޮންސަރަކަށް ހަމަޖެއްސީ މައިލޯއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ސްޕޮންސަރުން ހަމަޖެހިގެންދާނެކަމަށް ކުލަބް މޯލްޑިވްސްއިން މަޢުލުމާތުދިނެވެ.

ކްލަބް މޯލްޑިވްސް ކަޕަކީ އެ މުބާރާތުގެ ފިރިހެން ޑިވިޝަންއެވެ. އަންހެން ޑިވިޝަންއަކީ 18/30 ވިމެންސް ފުޓްސަލް ފިއެސްޓަރއެވެ. 18/30 ވިމެންސް ފުޓްސްލް ފިއެސްޓަރބައި ފަށާފައިވަނީ 2010ވަނަ އަހަރުއެވެ.

ކްލަބް މޯލްޑިވްސްއިން މިއަހަރުގެ މުބާރާތް އަންނަ ޖުލައި މަހުގެ ތެރޭގައި ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.