ޚަބަރު

ދަރަނބޫދޫ ބަނދަރުގެ މަސައްކަތް މިމަސްތެރޭ އެއްކޮށް ނިންމާލެވޭނެ: ކައުންސިލް


ފ. ދަރަނބޫދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މިމަސްތެރޭ އެއްކޮށް ނިންމާލެވޭނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރއާ ހަވާލާދީ އެރަށު ކައުންސިލުން ބުނެފިއެވެ. ފ. ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލް ހަމީދު އާދަމް ވިދާޅުވީ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ބަނދަރުގެ ނެރުގެ ފައިކަށީގައި ހިލަޖެހުމުގެ މަސައްކަތާއި ބަނދަރު ބައްތި ހަރުކުރުމާއި ނެރު ބައްތި ހަރުކުރުމާއި ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތް ކަމަށެވެ.

ދަރަނބޫދޫގައި ކުރިން ބޭނުން ކުރަމުން އައި ބަނދަރަކީ 2007 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގައި އެރަށުގައި ހަދާފައިވާ ބަނދަރެކެވެ. އެބަނދަރު ހަނިވުމާއި ނެރު ތިލަވުމުގެ ސަބަބުން މުދާ އުފުލާ ބޯޓް ފަހަރަށާއި އަތޮޅު ފެރީއަށް ބަނދަރުގެ ތެރެއަށް ނުވަދެވޭ ކަމަށް ކައުންސިލްގެ ރައީސް އަބްދުލް ހަމީދު ވިދާޅުވިއެެވެ. އެހެން ކަމުން މުދާ ބޭލުމަށާއި އަތޮޅު ފެރީގައި ދަތުރުކުރާ ފަރާތްތަކަށް ފެރީއަށް އެރުމަށް ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިވާކަމަށާއި އަދި ބަނދަރު ހަނި ކަމުން ދޯނި ފަހަރު ބަނދަރުގެ ތެރެއަށް ވަދެ ނުކުތުމަށް ދަތިތަކެއް ކުރިމަތިވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މިހާރު ދަރަނބޫދޫގައި ސަރުކާރުން ތަރައްގީ ކުރާ ބަނދަރަކީ ފ.އަތޮޅުގައި މިވަގުތު އޮތް އެންމެ ފެންވަރު ރަނގަޅު އެއް ބަނދަރަށް ވެގެން ދާނެކަމަށެވެ. ސަރުކާރުން މިހާރު އެރަށުގައި ތަރައްގީ ކުރާ ބަނދަރާއެކު ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބި ބަނދަރުގެ ދަތިކަން ހައްލުވެގެން ދާނެކަމަށް ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ.

ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި އަދި ބޭރު ތޮށިލުމުގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށް މިމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ އެއްގަމުތޮށި ލުމާއި، 410 މީޓަރުގެ ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 2500 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ

ސަރުކާރުން ފ. ދަރަނބޫދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް އެކުންފުނިން ފަށާފައިވަނީ 2020 އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ

މިއީ 40.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.