ޚަބަރު

ދިވެހި، އިސްލާމް އަދި ޤުރުއާން ފޮތްތައް ޗާޕުކުރާނެ ބަޔަކު ހޯދަނީ


2022 އިން 2024 ވަނަ އަހަރުގެ ދިރާސީ އަހަރަށް ބޭނުންވާ ދިވެހި އިސްލާމް އަދި ޤުރުއާން މާއްދާގެ ފޮތްތައް ޗާޕުކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފައިވަނީ ކުރިޔަށް އޮތް ދެ އަހަރަށް ގްރޭޑް 1 އިން ގްރޭޑް 12ގެ ދަރިވަރުންނަށް ބޭނުންވާ ދިވެހި، އިސްލާމް އަދި ޤުރުއާން ޓެކްސްޓް ފޮތްތައް ޗާޕުކޮށްދޭނެ ބަޔަކު ހޯދުމަށެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި ބިޑްސެކިޔުރިޓީގެ ގޮތުގައި 105،000 ރުފިޔާ ދައްކަން ޖެހެއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ ބިޑު ހުޅުވުން އޮންނާނި މިމަހުގެ 16 ވަނަ ދުވަހުގެ 13:00 ގައެވެ.

މިިދިޔަ އަަރު ގްރޭޑް އެކެއްގެ ދަރިވަރުން ބޭނުންކުރި އިސްލާމް އަދި ޤުރުއާން ފޮތްތަކުގައި ލިޔުމުގެ ބައެއް ކުށްތައް ހުރުމުން ެކަމުގެ ކަންބޮޑުވުން ވަނީ ގިނަ ބަޔަކު ފާޅުކޮށްފައެވެ. އަދި މި ފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް ފޮތްތައް ޗާޕަށް ދިޔުމުގެ ކުރިން އިތުރަށް ބެލޭނެ އިންތިޒާމުތައް ހަމަޖައްސާ އެކަމަށް ހާއްސަ ކޮމެޓީއެއްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިހާރު އެކުލަވާލާފައެވެ.

ކޮންމެ އަހަރެއްގެވެސް ދީރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޗާފުކޮށް ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންނަށް ލިބޭނެ އިންތިޒާމުތައް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައެވެ.

ދިރާސީ އަހަރަށް ފެށޭ ދުވަހަށް ގެނައި ބަދަލުތަކާއި އެކު މި ހިނގާ ދިރާސީ އަހަރުގެ ކިޔެއްވުން ނިމޭނީ ޖޫންމަހުގެ 30 ވަނަދުވަހުއެވެ. އަދި އައު ދިރާސީ އަހަރު ފެށޭނީ މިއަހަރުގެ އޮގަސްޓްމަހުގެ 7 ވަނަދުވަހުއެވެ.