ޚަބަރު

ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި އައްޑޫ ކޯގަންނު ޤަބުރުސްތާނު ހިމެނިއްޖެ


ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި އައްޑޫސިޓީ ކޯގަންނު ޤަބުރުސްތާނު ހިމެނިއްޖެއެވެ. އައްޑޫސިޓީ މީދޫގައި އޮންނަ ކޯގަންނު ޤަބުރުސްތާނަކީ ދިވެހިރާއްޖޭގައި މިހާރު ފެންނަން އޮތް އެންމެ ބޮޑު، އެންމެ ތާރީޚީ، އަދި އެންމެ ޤަދީމީ ޤަބުރުސްތާނެވެ. ވޯލްޑް މޮނިއުމަންޓް ފަންޑަކީ ދުނިޔޭގެ ގަދީމީ އާސާރުތައް ޙިމާޔަތްކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތެރިވާ ޖަމާޢަތެކެވެ.

އައްޑޫ ސިޓީ މީދޫ ކޯގަންނު ޤަބުރުސްތާނަކީ މުސްލިމުން ވަޅުލުމަށްޓަކާ ޤަބުރުސްތާނެއްގެގޮތުގައި ވަކި ސަރަޙައްދެއް ކަނޑައަޅާ ރާއްޖޭގައި ހެދުނު އެންމެ ފުރަތަމަ ޤަބުރުސްތާނެވެ.

ބުނެވޭގޮތުގައި މި ޤަބުރުސްތާނަށް 900 އަށްވުރެ ގިނަ އަހަރު ވެފައިވެއެވެ. ވޯލްޑް މޮނިއުމަންޓް ފަންޑް ލިސްޓުގައި ކޯގަންނު ޤަބުރުސްތާނު ހިމަނާފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ކޯގަންނު ޤަބުރުސްތާނު ހިމެނޭހެން ދުނިޔޭގެ އާސާރީ 25 ތަނެއް މި ލިސްޓުގައި ހިމަނާފައިވެއެވެ. ވޯލްޑް މޮނިއުމަންޓް ފަންޑުން މި ލިސްޓު އެކުލަވާލާފައިވަނީ 225 ނޮމިނޭޝަނެއްގެ ތެރެއިންނެވެ.

ކޯގަންނު ޤަބުރުސްތާނަކީ އިހުޒަމާނުގެ މަހާނަގާތައް އެއްތާކުން އެންމެ ގިނައިން ރާއްޖޭގައި ފެންނަންވެސް ހުރި ޤަބުރުސްތާނެވެ. އެގޮތުން 1500 އަށްވުރެ ގިނަ މަހާނަގާ މި ޤަބުރުސްތާނުގައި ހުރިއިރު، އޭގެ ތެރޭގައި ޙާފިޘުންގެ މަހާނަގައުކަމަށް ބަލައި އުޅޭ މަހާނަގައުތައް އެބަހުއްޓެވެ. އަދި އިހުގެ ދަންނަބޭކަލުންގެ މަހާނަގައުތައްވެސް އެބަހުއްޓެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ހެރިޓޭޖް ސެކްޝަންގެ ހެޑް ޒަހާ އަޙްމަދު ވިދާޅުވީ، ކޯގަންނު ޤަބުރުސްތާނުން ފެންނަހުރި މަހާނަގައުތަކުގައި އެކި ކަހަލަ ކަނޑާނެގުންތަކާއި އެކި ޑިޒައިންނާއި ލިޔުންތައް ފެންނަން އެބަހުރިކަމަށެވެ. އަދި ލިޔުންތަކަށް ބަލާއިރުވެސް ޢަރަބި، ދިވެސް އަކުރު އަދި ތާނައިގެ ލިޔުންތައް ފެންނަންހުރި ކަމަށެވެ.

މި މަހާނަގާތަކުގެ ތެރޭގައި އާއްމުކޮށް ރާއްޖޭގެ ޤަބުރުސްތާނުތަކުން ފެންނަން ނެތް ބޮޑެތި މަހާނަގާތައް ހިމެނޭކަން ޒަހާ ފާހަގަކުރެއްވިއެވެ.

"ގާތްގަނޑަކަށް 7 ފޫޓު ބަޔަށްވުރެއްވެސް އުސްކޮށް މި ހުންނަނީ. ހަމަ އެއްގަލުން ބޮޑު އެއް ހިރިން ހެދިފައި މިހުންނަނީ. މިކަމަކީ އާއްމުކޮށް މި ފެންނަ އާސާރީ ތަންތަނުން ފެންނަ މަންޒަރެއްނޫން. އޭގެ އިތުރުން މި ރަށަކީ 7 އާއިލާއަކުން އާބާދުވި ރަށެކޭ ބުނެވެނީ. އެ 7 އާއިލާއަކަށް ނިސްބަތްވާ 7 މިސްކިތެކޭ މި ޤަބުރުސްތާނުގެ ތެރޭގައި މިހުރީ. އެކަމު މިހާރު އަޅުގަނޑުމެންނަށް ފެންނަން މިހުރީ 4 މިސްކިތެއް. 4 މިސްކިތެއް އެއް ގޯތިތެރެއަކުން މިހާގިނަ މަހާނަގާތަކަކާއެއްކޮށް ފެންނަން މިހުރީ ހަމައެކަނި ކޯގަންނު ޤަބުރުސްތާނުން. މިވެސް މި ސައިޓު އަޅުގަނޑުމެންނަށް ޚާއްސަވާ ތަފާތުވާ އެއް ސަބަބު" ޒަހާ ވިދާޅުވިއެވެ.

ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި އައްޑޫ ކޯގަންނު ޤަބުރުސްތާނު ހިމެނިގެން ދިއުމަކީ އައްޑޫ ސިޓީގެ އިތުރުން މުޅި ރާއްޖެއަށްވެސް ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއްކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ކޯގަންނު ޤަބުރުސްތާނަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، މި ވޮޗް ލިސްޓަށް ކޯގަންނު ޤަބުރުސްތާން އެރުން ވެގެންދާނީ، އެތަން ޚިމާޔަތްކޮށް އަންނަންއޮތް ޖީލުތަކާ ހަމައަށް ވާސިލުކޮށްދިނުމަށް ކުރާ މަސައްކަތަށްވެސް ލިބިގެންދާނެ ކުރިއެރުމެއްގެގޮތުގައި އެ މިނިސްޓްރީން ދެކެއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސް އިސްމާޢީލް ނާއިލް ނަޝީދު ވިދާޅުވީ، ކޯގަންނު ޤަބުރުސްތާނާއި ޖެހިގެންއޮތް ބިމުގައި ހެރިޓޭޖް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށެވެ. އަދި އެކަމަށް ބޭނުންވާ ޕްލޭންތައް ހެދި، ކޮންސެޕްޓް ޑިޒައިންކުރުމުގެ މަރުހަލާ ނިމިފައިވާކަމަށެވެ. މިފަދަ ސެންޓަރަކާއެކު ކޯގަންނު ޤަބުރުސްތާނަށް އޮތް މަޤުބޫލުކަން މިހާރަށްވުރެ އިތުރުވެގެންދާނެކަމަށް ނާއިލް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް މަސައްކަތްތަކެއް އެބަކުރެވޭ ކޯގަންނާއި އިންވެގެންއޮތް ބިމުގައި ހެރިޓޭކް ކޮމްޕްލެކްސްއެއް ހެދުން. މިހާރު އޭގެ ފުރަތަމަ ފިޔަވަހީގެ އެއްބައި މަސައްކަތް މިހާރު ޕްލޭނިންގއާއި ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް މިހާރު އެއޮތީ ނިމިފައި. އަމަލީ މަސައްކަތް ފަށަން ފަންޑު ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ކުރަމުން މިދަނީ. އެކަމަށްވެސް މީގެ ތެރެއިން އެހީތަކެއް ލިބިގެންދާނެ. އެ ޕްރޮޖެކްޓުގެ ދަށުން އެތަނުގައި މިއުޒިއަމަކާއި، ޑިސްޕްލޭ ހޯލަކާއި، ބާރޑް ސެންޗުއަރީއަކާއި، ލައިބްރެރީއަކާއި އޮޑިޓޯރިއަމް މިފަދަ އެކިއެކި ޚިދުމަތްތައް ހިމެނޭ ކޮމްޕްލެކްސްއެއް ޤާއިމުކުރަން އަޅުގަނޑުމެން މި މަސައްކަތްކުރަނީ" ނާއިލް ވިދާޅުވިއެވެ.

ކޯގަންނު ޤަބުރުސްތާނު ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމަނާފައިވާއިރު، އެ ޤަބުރުސްތާނުގައި ހިރިގަލުން ބިނާކޮށްފައިވާ ފަނޑިޔާރު މިސްކިތަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ރާއްޖޭން ހިމެނުމަށް ހުޝައަޅާފައިވާ މިސްކިތްތަކުގެ ތެރޭގައިވެސް ހިމެނޭ މިސްކިތެކެވެ. މިއީ، އަސްލު ގޮތުގައި މިސްކިތުގެ ޙާލަތު ރަގަނޅަށް ހުރި ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ކުޑަ ހިރިގަލު ވަޑާމުގެ މިސްކިތެވެ.

ގާތްގަނޑަކަށް 105000 އަކަފޫޓުގެ ބޮޑު ކޯގަންނު ޤަބުރުސްތާނުގައި ފަނޑިޔާރު މިސްކިތުގެ އިތުރުން ދެން ފެންނަންހުރި މިސްކިތްތަކަކީ ކޯގަންނު މިސްކިތާއި، އަތަރާ މިސްކިތާއި، ބޯދާ މިސްކިތެވެ. މީގެ އިތުރުން ކޯގަންނު މެދުޒިޔާރަތަކީވެސް މި ޤަބުރުސްތާނުން ފާހަގަކޮށްލެވޭ ތަނެކެވެ.