ޚަބަރު

އުރީދޫއިން ހުރިހާ ހެލްތު ސެންޓަރަކަށް ހެލްތު ކިޓް ހަދިޔާކުރަނީ


ރާޢްޖޭގެ އެކި ހިސާބުތަކުގައި ހުރި ހުރިހާ ސިއްޙީ މަރުކަޒުތަކަށް ބޭނުންވާ ހެލްތް ކިޓްތަކެއް ހަދިޔާކުރުމަށް އުރީދޫ މޯލްޑިވްސްއިން ނިންމައިފިއެވެ.

އުރީދޫއިން ވަނީ 167 ހެލްތް ސެންޓަރު އަދި ހެލްތް ޕޯސްޓްތަަކަށް މި ކިޓްތައް ހަދިޔާ ކުރުމަށް ނިންމާފައެވެ.

މި ތަކެތި ހަދިޔާ ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ ހެލްތް މިނިސްޓަރ އަޙްމަދު ނަޞީމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކަޓިވް އޮފިސަރ މިސްޓަރ ޚާލިދު އަލް-ހަމާދީ އާއި ކުންފުނީގެ އިސް އޮފިޝަަަލުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބަައްދަލުވުމުގައި، ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް އުރީދޫ އާއި ހެލްތް މިނިސްޓްރީގެ ބައިވެރިވުމާއި އެކު ކުރިއަށްގެންދެވޭނެ ތަފާތު މަސައްކަތްތަކާއި ބޭހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފަައެވެ. ސްޓެތެސްކޯޕް، ޑިޖިޓަލް ސްފިގްމާނޯމީޓަރ، ޕަލްސް އޮކްސިމީޓަރ، އޮޓޮސްކޯޕް، ޑިޖިޓަލް ތާމޯމީޓަރ އަދި ނެބިއުލައިޒަރ މެޝިން ފަދަ ސިއްހީ ފަރުވާއަށް އާންމުކޮށް ބޭނުންކުރާ މުހިއްމު އާލާތްތަށް ހިމެނޭ ގޮތަައް ތައްޔާރު ކުރެވިފައިވާ މި ކިޓްތައް މިއަހަރު ކުރީކޮޅުގައި ހެލްތް ސެންޓަަރުތަކަށް ފޯރުކޮށްދޭނެކަމަށް އުރީދޫން ބުނެއެވެ.

2018 ވަނަ އަހަރު އުރީދޫއިން ވަނީ ދިވެހި ސަރުކާރުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްކާތެރިކަމުގެ އާލާތްތަކުގެ އިތުރުން އޮކްސިޖަން ސިލިންޑަރާއި، އެންމެ ފަހުގެ ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމު ހަރުކޮށްފައިވާ ތިން ސީ އެމްބިއުލާންސް މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާ ކޮށްފައިވެއެވެ.

މީގެ އިތުރުން، ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންނާއި ކުންފުނިތައް ގުޅުވާލަދީ، އާންމުން ހޭލުންތެރިކުރުވައި، އޮންލައިން ތައުލީމާއި ސިއްހީ ހިދުމަތްތަކާއި ވިޔަފާރިތަކަށް މަގުފަހިކޮށްދޭ ޑިޖިޓަލް ހައްލުތައް ވަނީ އުރީދޫ އިން ފޯރުކޮށްދީފައެވެ. އަދިމި ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު އާލާތްތަކާއި ސާމާނު ހޯދުމަށް އުރީދޫ ގްރޫޕާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދިވެހި ސަރުކާރަށް ވަނީ ދެމިލިޔަން ފަސްސަތޭކަ ހާސް ރުފިޔާ ހަދިޔާކޮށްފައެވެ.