ވިޔަފާރި

ރާއްޖޭގައި ތިބި ޔޫކްރެއިންގެ ފަތުރުވެރިންނަށް ފަސޭހައިން ވިސާ ލިބޭނެގޮތް ހަމަޖައްސައިފި


ރާއްޖޭގައި ތިބި ޔޫކްރެއިންގެ ފަތުރުވެރިންނަށް ވިސާ އިތުރުކުރުމުގެ ފަސޭހަ ގޮތްތަކެއް މޯލްޑިވްސް އިމިގްރޭޝަންއިން ހަމަޖައްސައިދީފިއެވެ.

ޔޫކްރެއިންގެ ފަތުރުވެރިންނަށް ވިސާ އިތުރުކުރުމުގެ ފުރުސަތު އިމިގްރޭޝަނުން ހުޅުވާލާފައިމިވަނީ ރަޝިއާއާއި ޔޫކްރެއިންއާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޤައުމަށް އެނބުރި ނުދެވިފައި ގިނަ ޢަދަދެއްގެ ފަތުރުވެރިން ތިބުމާ ގުޅިގެންނެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ރާއްޖޭގައި ތިބޭ މުއްދަތު އިތުރުކުރަން ބޭނުންވާ ޔޫކްރެއިންގެ ފަތުރުވެރިންނަށް ޚާއްސަ ވިސާއެއް ދޫކުރަމުންއަންނަކަމަށެވެ. މި ވިސާއަށް އެދި ހުށަހަޅަންޖެހޭނީ މިހާރު ދޫކޮށްފައިވާ ވިސާ ހަމަވުމުގެ ކުރިން އިމިގްރޭޝަންގެ އިމުގާ ޕޯޓަލް މެދުވެރިކޮށެވެ.

ޔޫކްރެއިނުން ރާއްޖެ އަންނަ ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދެނީ 30 ދުވަހަށެވެ. އަދި ރަޝިއާއަށް އޮން އެރައިވަލް ވިސާ ދެނީ 90 ދުވަހަށެވެ. ރަޝިއާއިން ރާއްޖެއަށް މިހާރުވެސް ދަތުރުތައް ކުރިނަމަވެސް ޔޫކްރެއިނާއި ރާއްޖެއާއި ދެމެދު ކުރަމުންދިޔަ ދަތުރުތައް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި މިވަގުތު ގާތްގަނޑަކަށް ރަޝިއާގެ 8000 ފަތުރުވެރިން އަދި ޔޫކްރެއިންގެ 750 ފަތުރުވެރިން އެބަތިބިކަމަށެވެ. އަދި މި ފަތުރުވެރިންގެ ހާލަތު މިނިސްޓްރީން ގާތުން ބަލަމުންދާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރަޝިއާ އަދި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ މާކެޓަށް މިހާރުވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށެވެ. ރަޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ނަންބަރުތަކަށް އަދި މާބޮޑު ތަފާތެއް ނާންނަކަމަށާ ނަމަވެސް ކުރިއަށްއޮތް ތަނުގައި ރަޝިއާ މާކެޓަށްވެސް ބޮޑު އަސަރެއް ކުރާނެކަމަށް މިނިސްޓްރީން އަންދާޒާކުރެއެވެ.

ރަޝިއާއާއި ޔޫކްރެއިން މާކެޓަކީވެސް ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު 2 މާކެޓެވެ. އަހަރުގެ މިހާތަނަށް ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އެގޮތުން ރަޝިއާއިން ރާއްޖެއަށް 39،660 ފަތުރުވެރިން ވަނީ އައިސްފައެވެ. ޔޫކްރެއިނުން ރާއްޖެއަށް 7818 ފަތުރުވެރިން އައިސް އެ ޤައުމު ހިމެނެނީ 8ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ.