ޚަބަރު

ސަލާމަތުން ޔޫކްރެއިން ނުކުމެވުނީ ދިވެހި ސަރުކާރުން ފޯރުކޮށްދިން އެހީގެ ސަބަބުން


ރަޝިއާއާއި ޔޫކްރެއިންގެ މަޞްރަޙު ގޯސްވެފައިވާ ދަނޑިވަޅުގައި އެތަނުގައި ތިބި ދިވެހި ދަރިވަރުންނާއި ބައެއް ދިވެހިން ރައްކާތެރިކަމާއެކު ރާއްޖެ ގެނައުމަށާއި ރައްކާތެރި ސަރަޙައްދަށް ބަދަލުކުރުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ޔޫކްރެއިންގައި ކިޔަވަމުންދާ ދަރިވަރުން ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

ޔޫކްރެއިންގައި ކިޔަވަމުންދިޔަ ކުދިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ އެ ދަރިވަރުންނަށް ސަލާމަތުން ޔޫކްރެއިން ނުކުމެވުނީ ދިވެހި ސަރުކާރުން ފޯރުކޮށްދިން އެހީގެ ސަބަބުންކަމަށެވެ.

ރަޝިއާއާއި ޔޫކްރެއިންގެ ހަނގުރާމަ ފަށައި، ހަމަލާތައް އެއާޕޯޓަށް އަމާޒުވިއިރު ޔޫކްރެއިންގެ އިވާނޯ ފްރެންކްވިސްކްގައި މެޑިސިން ކިޔަވަމުން ދިޔަ 15 ދިވެހި ދަރިވަރުން ތިބީ އެކި ތަންތަނުގައެވެ. އެ ހަލަބޮލި ވަގުތު އެންމެންނަށްވެސް ވިސްނުނީ އެ މީހަކު ތިބި ތަނެއްގައި ތިބުން އެއީ އެންމެ ރައްކާތެރި ގޮތް ކަމަށެވެ. އެދުވަހު އެ ދަރިވަރުންނަށް ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބި ހަނގުރާމައިގެ ތެރެއިން ސަލާމަތްވާނެ ކަމުގެ އުއްމީދު ލިބުނީ ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުންނެވެ.

ރަޝިއާއިން ހަމަލާދޭނެ ކަމުގެ އިންޒާރު ޔޫކްރެއިނަށް ދިން ހިސާބުން މި ދަރިވަރުން ދިޔައީ އަނބުރާ ރާއްޖެއަށް އައުމުގެ މަސައްކަތް ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ކުރަމުންނެވެ. ނަމަވެސް ހަނގުރާމަ ފެށިއިރު ވެސް އެ ދަރިވަރުންނަށް ނާދެވުނީ ކިޔަވަމުން އައި އިވާނޯ ޔުނިވާސިޓީން ކްލާސްތައް އޮންލައިން ނުކޮށްގެންނެވެ. ނަމަވެސް ކްލާސްތައް އޮންލައިންކުރުމާއެކު ރާއްޖެ އައުމަށް އެދަރިވަރުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް އެޤައުމުގެ އެއަރޕޯޓަށް ހަމަލާ ދިނުމުގެ ސަބަބުން ރާއްޖެ އައުމަށް އޮތް ފުރުޞަތުވެސް ދަރިވަރުންނަށް ބަންދުވިއެވެ. ނަމަވެސް އެ ދަރިވަރުން ރައްކާތެރި ހިސާބަށް ގެންދިޔުމަށްޓަކައި ދިވެހި ސަރުކާރާއި ޚާރިޖިއްޔާގެ އިތުރަށް ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ދިޔައީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ. ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ މިދިޔަ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:30 ހާއިރު އިވަނޯ-ފްރެންކިވްސްކްގެ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް އެ ދަރިވަރުންނަށް ވަދެވުމެވެ. އަދި މި ދިވެހިން ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުކޮށް ފޮރިން މިނިސްޓްރީގެ ޓީމާއި އެ ދަރިވަރުން ވަނީ ގުޅިފައެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ މި 15 ދިވެހިން މިއަދު ރާއްޖެ ގެނެވޭނެކަމަށެވެ.

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށްޓަކައި ސަރުކާރާއި ޚާއްސަކޮށް ރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ލަޠީފަށް ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެ ދަރިވަރުން ވަނީ ދިވެހި ދަރިވަރުންގެ ފަރާތުން ޝުކުރުއަދާކޮށްފައެވެ.

އެ ދަރިވަރުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން އެ ދަރިވަރުންނަށް އަޅާނުލައޭ ބަޔަކު ބުނަމުން ދިޔަނަމަވެސް އެކުދިން ސަލާމަތުން އެ ޤައުމުން ނުކުމެވުނީ ސަރުކާރުން ފޯރުކޮށްދިން އެހީގެ ސަބަބުންކަމަށެވެ. އެކުދިން ފާހަގަކުރާ ގޮތުގައި އެ ޤައުމުގައި ހަނގުރާމަ އިޢުލާން ކުރުމާ ގުޅިގެން ރާއްޖެއަށް ގެނައުމަށް ދިވެހި އެމްބަސީން ކުރީ ބުރަ މަސައްކަތްކަމަށެވެ. އަދި ކްލާސްތައް އޮންލައިން ކުރެވުނީވެސް އެމްބަސީގެ އެހީގައިކަމަށާއި ބޮން އެޅުމާއެކުވެސް އެތަނުގެ ހާލަތު އެމްބަސީއަށް ދަރިވަރުން ދިޔައީ އަންގަމުންނެވެ.

ދިވެހި ދަރިވަރުން ފާހަގަކުރާ ގޮތުގައި އެ ދަރިވަރުންނަށް އެއްވެސް ދަތިކަމެއް ވޭތޯ ސަރުކާރުން ދިޔައީ ބަލަމުންނެވެ. އެ ބަޔާނުގައި ދަރިވަރުން ބުނެފައިވަނީ އެ ނުރައްކާތެރި ވަގުތުގައިވެސް ދިވެހި ސަރުކާރުން ކޮށްދެއްވި މަސައްކަތުން މިއަދު ހިތްހަމަޖެހިފައިވާ ކަމަށާއި ރައްކާތެރިކަމާއެކު ހަންގޭރީގައި މިވަގުތު ތިބި އިރުވެސް އެއްވެސް ކަމަކަށް ދަތިނުވެ އެހީތެރިކަން ފޯރުކޮށްދެމުންދާކަން ދަރިވަރުން ފާހަގަކުރެއެވެ. އަދި ދަރިވަރުން ވަނީ ރައްކާތެރިކަމާއެކު އެހެން ސަރަޙައްދަކަށް ފޮނުވައިދިންކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއަށް ޚާއްސަ ޝުކުރެއް ފޮނުއްވާފައެވެ.

ރަޝިއާއާއި ޔޫކްރެއިންގެ މަޞްރަހް ގޯސްވެ ހަނގުރާމަ އިޢުލާން ކުރުމާ ގުޅިގެން އެ ޤައުމުގައި ކިޔަވަން ތިބި ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ހަޔާ އެޑިއުކޭޝަނުން ވަނީ ގަޑިއިރެއްގެ ތެރޭގައި ބޭންކާ ވާހަކަ ދައްކައިގެން އެ ތަނުގައި ތިބި ދަރިވަރުންގެ އެކައުންޓް ލިމިޓްވެސް އިތުރުކޮށްދީފައެވެ.

ސަރުކާރުން މިހާރުވެސް އަންނަނީ ޔޫކްރެއިންގެ ހަރްކީވްގައި ބާކީ ތިބި 8 ދިވެހިނާއި ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް މަސައްކަތްކުރަމުންނެވެ.

މީގެއިތުރުން ބެލަރޫސްގެ ގްރާޑްނޯ މެޑިކަލް ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރުންގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރަމުން އަންނަކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެއެވެ. މި ކުދިން ތިބީ ހަމަނުޖެހުން ހިގަމުންދާ ސަރަހައްދުގެ ބޯޑަރާއި 1500 ކިލޯ މީޓަރު ދުރުގައިކަމަށާއި އެކުދިން ކަންކަން ބަލަމުން އަންނަކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ބެލަރޫސްގައި ތިބި 140 ދަރިވަރުންނާއި ގުޅާ އެކުދިންގެ ހާލު ބަލަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ހަނގުރާމަ ހިގަމުންދާ ޔުކްރެއިންގެ ބޯޑަރާއި ކައިރިން ރަޝިޔާގެ ކާސްކްގައިވެސް ދިވެހި ކުދިން އެބަތިއްބެވެ. މި ކުދިންނާއިވެސް ގުޅަމުން އަންނަކަމަށާއި އެ ސަރަހައްދުގައި އެއްވެސް ކަމެއްނެތްކަމަށް އެކުދިންގެ ފަރާތުން މައުލޫމާތލިބިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.