ދީން

ޕީއެސްއެމްގެ "މޫރިތި އާޔަތްތަކުން" ޕްރޮގްރާމްގައި ޤުރުޢާން ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި


ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭ "މޫރިތި އާޔަތްތަކުން" ޕްރޮގްރާމުގައި ޤުރުޢާން ކިޔަވަން ޝަޢުގުވެރިވާ ކުޑަކުދިންނަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކުރިއަށްއޮތް ރަމަޟާންމަހަށް ޚާއްސަކޮށްގެން ގެނެސްދޭ "މޫރިތި އާޔަތްތަކުން" މި ޕްރޮގްރާމަކީ ޕީ.އެސް.އެމްގެ ޓެލެވިޜަން މޯލްޑިވްސްއާއި، ދިވެހިރާއްޖޭގެ އަޑާއި، މުންނާރު ޓީވީގެ އިތުރުން ދީނުގެ އަޑު ގުޅިގެން ގެނެސްދޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ އަޑުގެ މެނޭޖަރ ރޭޑިއޯ ޕްރޮގްރާމް ނަޞްރުﷲ އިދުރީސް ވިދާޅުވީ، މިއަހަރުގެ ޕްރޮގްރާމުގައިވެސް އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެ، ޤުރުއާން ކިޔެވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ނަން ނޯޓްކުރުމަށްޓަކާ MA ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް ކުއްޖާގެ ފުރިހަމަނަމާއި އައި.ޑީ ކާޑު ނަންބަރު ޖެހުމަށްފަހު 300 ފޮނުވުމުން ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ނަސްރުﷲ މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް ކީރިތި ޤުރުއާނުން އެކުއްޖަކަށް ރީތިކޮށް ފަސޭހައިން ކިޔެވޭނެތަނެއް ކިޔަވާލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ލިބޭނީ 5 މިނެޓްކަމަށާއި، ބައިވެރިވުމުގެ ފުރުޞަތުދޭނީ އެސް.އެމް.އެސް ކުރާ ތަރުތީބުންކަމަށްވެސް ނަޞްރުﷲ ވިދާޅުވިއެވެ.

"މިއަހަރު މި ޕްރޮގްރާމުގައި ބައިވެރިވެ ޤުރުއާން ކިޔަވަން ބޭނުންވާ ކުދިން ނަން ނޯޓްކޮށްލަން މިޖެހެނީ. ނަން ނޯޓްކޮށްލަންވެސް ވަރަށް ފަސޭހަގޮތަކަށް މިއޮތީ. އެމް.އޭ ޖެއްސެވުމަށް ފުރިހަމަ ނަމާއި އައިޑީކާޑު ނަންބަރު ލިޔެފައި 300 އަކަށް އެސް.އެމް.އެސް ކުރީމަ އަޅުގަނޑުމެން ގުޅަމުން ގެންދާނަން ކިޔަވަން އަންނަންވީ ދުވަހާއި މިކަންކަން އަންގާލުމަށްޓަކާ" ނަޞްރުﷲ ވިދާޅުވިއެވެ.

"މޫރިތި އާޔަތްތަކުން" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ޕްރޮގްރާމުގައި ބައިވެރިވާން ނަން ނޯޓްކުރާ ކުދިންނަށް، ނަން ނޯޓްކުރާ ތަރުތީބުން ކުދިންގެ ކިޔެވުން ރިކޯޑްކުރުމަށް ގުޅަމުންދާނެކަމަށް ނަޞްރުﷲ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެ ޤުރުއާން ކިޔަވާ ކުދިންގެ ކިޔެވުން 1443 ވަނަ އަހަރުގެ ރަމަޟާންމަހު ޕީ.އެސް.އެމްގެ ޓީވީއެމާއި، މުންނާރު ޓީވީއާއި، ދިވެހިރާއްޖޭގެ އަޑުގެ އިތުރުން ދީނުގެ އަޑުން ގެނެސްދޭނެއެވެ.