ކުޅިވަރު

އަންނަ މަހު ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް ފަށަނީ


ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް މިއަންނަ މަހުގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ވީއޭއެމުން އިއުލާން ކޮށްފިއެވެ. މުޅި ރާއްޖެއަށް ހުޅުވައިލައިގެން ބާއްވާ ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕާއި ބެހޭ މުހިއްމު މައުލުމާތުތަކެއް ވަނީ ގެޒްޓްގައި ޝާއިއުކޮށްފައެވެ. އެގޮތުން އަތޮޅު ކައުންސިލާއި، ސީޓީ ކައުންސިލްތަކާއި މުބާރާތް ކުރިއަށްގެންދާނެ ރަށްތައް ކަޑައަޅައި، އަތޮޅުތަކާއި ސިޓީތަކުގައި މުބާރާތް ބާއްވާނެ ތާރީހެއް ނިމުމާއެކު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެކަމަށެވެ.

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް މުބާރާތް ކުރިއަށްދާނީ ދެ ބަހައަކަށް ބަހާލައިގެންނެވެ. އަތޮޅުތަކުގައި މެޗްތައް ކުޅޭނީ ރަށްރަށުގެ މެދުގައެވެ. ސިޓީގައި ނަމަ އެ ސިޓީއަކަށް ނިސްބަތްވާ އަވަށްތަކުގެ މެދުގައެވެ. ކޮންމެ ރަށަކުން ނުވަތަ އަވަށަކުން ބައިވެރިވެވޭނީ ކައުންސިލުގެ ހުއްދަ ލިބިފައިވާ އަންހެން އަދި ފިރިހެން ޑިވިޝަންގެ ތެރެއިން ކޮންމެ ޑިވިޝަނަކުން އެއް ޓީމަށެވެ. އަތޮޅު މުބާރާތް ކާމިޔާބުކުރާ ޓީމެއް ކޮލިފައި ވާނީ ޒޯން ބުރަށެވެ. ވީއޭއެމް އިންވަނީ މުޅި ރާއްޖެ ހަތް ޒޯނަކަށް ބަލާހާފައެވެ. އަތޮޅަކުން އެއް ޓީމު ބައިވެރިވެއްޖެ ނަމަ އެ ޓީމަކީ އެ އަތޮޅުގެ ޗެމްޕިއަން ޓީމު ކަމަށް ކަނޑައަޅައި އެޓީމް ޒޯން ބުރަށް ކޮލިފައިވާނެކަމަށް ވެސް ވީއޭއެމްއިން މަޢުލުމާތުދިނެވެ.

މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންއިން މުޅި ރާއްޖެ 7 ޒޯނަކަށް ބަހާލާފައިވާއިރު، ޒޯން 1ގައި ހިމެނެނީ ހއ އާއި ހދ އާއި ށ.އަތޮޅެވެ. ޒޯން 2ގައި ހިމެނެނީ ނ، ރ، ބ، އަދި ޅ އަތޮޅެވެ.
ޒޯން 3ގައި ހިމެނެނީ ކ، އއ، އދ، އަދި ވ އަތޮޅެވެ. ޒޯން 4ގައި ހިމެނެނީ މ، ފ، ދ.އަތޮޅު، ޒޯން 5ގައި ހިމެނެނީ ތ އަތޮޅާއި، ލ.އަތޮޅެވެ. ޒޯން 6ގައި ހިމެނެނީ ގއ އާއި ގދ އަތޮޅެވެ. އަދި
ޒޯން 7ގައި ހިމެނެނީ ފުވައްމުލައް ސިޓީއާއި އަދި އައްޑޫ ސިޓީއެވެ.

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފ.އަތޮޅު މަގޫދޫގައެވެ. ފ.އަތޮޅުން މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ރަށަކުން އަންހެން އަދި ފިރިހެން ޓީމުތަކަށް ހުޅުވާލާނެއެވެ.