ޚަބަރު

ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ކުވައިތު ފަންޑުން ލޯނު ހަމަޖެހިއްޖެ: ނަސީމް


ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް މިއަހަރުގެ 2 ވަނަ ކުއަރޓާގައި ޓެންޑަރަށް ހުޅުވާލާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް އެޅުމަށް ކުވައިތު ފަންޑުން ލޯނު ހަމަޖެހިފައިވާކަމަށެވެ. އަދި މި ހޮސްޕިޓަލް ޑިޒައިން ކުރުމަށްޓަކައި މިހާރުވެސް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތިނަދޫގައި މިހާރު ހުރި އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް އަލި އަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ އެ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. މިމަސައްކަތުގެ ދަށުން އޯޕީޑީގެ ޖާގަ ބޮޑު ކުރުމާއި 2 ލޭބަރ ރޫމް އިތުރުކުރުމާއި 4 ޕްރައިވެޓް ރޫމް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި މަސައްކަތަށް 33 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޑރ.އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މިހާރުވެސް އެކި ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން އަންހެނުންގެ ބަލިތަކާ، ކުޑަކުދިންގެ ޚާއްސަ ބަލިތަކާ، ކަށީގެ ބަލިތަކާ، ހަމުގެ ބަލިތަކާ، ކަރުންމަތީގެ ބަލިތައް އަދި ދަތުގެ ފަރުވާވެސް އެ ހޮސްޕިޓަލުން ލިބެއެވެ. މީގެއިތުރަށް އެކްސްރޭއާއި އެކި ކަހަލަ ޓެސްޓުތައް ހެދުމުގެ ޚިދުމަތްވެސް ލިބެއެވެ.

ހޮސްޕިޓަލުން ފާހަގަކުރާގޮތުގައި އެ ހޮސްޕިޓަލަށް އޮތް އެންމެ ބޮޑު އެއް ދައްޗަކީ ޖާގައިގެ ދަތިކަމެވެ. ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަށް، ސަރުކާރުން އެ ހޮސްޕިޓަލަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކުރީ 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

މިކަމުގެ ޢަމަލީ މަސައްކަތް އެ ކުންފުނިން ފަށާފަވަނީ މިދިޔައަހަރުގެ އޮގަސްޓްމަހުއެވެ. މި މަޝްރޫޢުގައި ހިމެނެނީ އޯޕީޑީ ޢިމާރާތެއް ހެދުމާއި ވިއްސާ ކޮޓަރި ހެދުމަށް އިމާރާތެއް ހެދުމުގެ މަސައްކަތެވެ. އަދި އިމަރޖެންސީ ރޫމް މަރާމާތުކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.